ދުނިޔެ

ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ދިނުމުގެ ތެރެއިން ދިން ބޮމުގެ ހަމަލާއެއްގައި ފަސް ފުލުހަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ޕޯލިއޯ ވެކްސިން ޖެހުމުގެ ހަރަކާތެއްގެ ތެރެއިން އެ މީހުންގެ ވެހިކަލަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި ފަސް ފުލުހަކު މަރުވެ، ގާތްގަނޑަކަށް ދެ ޑަޒަނެއްހާ މީހުން ޒަހަމްވެއްޖެ އެވެ.

Ads by WAMCO

އޮފިޝަލުން އަލްޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި ބޮން ގޮއްވާލާފައިވަނީ އަފްޣާނިސްތާނުގެ އަވަށްޓެރި ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ޓްރައިބަލް ޑިސްޓްރިކްޓެއް ކަމަށްވާ ބަޖާއުރުގައި ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށާއި އެ މީހުން ވަނީ ބަޖާއުރުގެ ދެކުނުން ގާތްގަނޑަކަށް 133 ކިލޯމީޓަރު (82 މޭލު) ދުރުގައި އޮންނަ ޕްރޮވިންސްގެ ވެރިރަށް ޕެޝާވާރަށް ބަދަލުކޮށްފަ އެވެ.

"ބޮން ގޮއްވާލީ މިއަދު ފަތިހު ޕޮލިއޯ ވެކްސިން ޖަހަން ފުލުހުންގެ ޓީމު ނުކުތް ވަގުތު. ޒަހަމްވި ގިނަ މީހުން ބަޖާއުރުގެ ލޯކަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާއިރު ކްރިޓިކަލް ޕޭޝަންޓުން ވަނީ ޕިޝާވަރަށް ފޮނުވާފައި،" ޕްރޮވިންޝަލް ރެސްކިއު ސާވިސަސްގެ ތަރުޖަމާނު ބިލާލް ފާއިޒީ އަލްޖަޒީރާއަށް ވިދާޅުވި އެވެ.

މި ހަމަލާގެ ޒިންމާ އަދި އުފުލާފައެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގައި ޕާކިސްތާން ތާލިބާނުން ވަނީ ޕާކިސްތާނުގައި ޕޯލިއޯ ވެކްސިން ޖަހާ ގިނަ އަދަދެއްގެ މީހުންނާއި ސަލާމަތީ އޮފިޝަލުން މަރާލާފަ އެވެ.

ޕާކިސްތާނުގައި ޕޯލިއޯ އިމިއުނައިޒޭޝަން ހަރަކާތަށް ދެކޮޅު ހެދުން އިތުރުވީ 2011 ވަނަ އަހަރު ޕާކިސްތާނުގެ ގެރިސަން އަވަށެއް ކަމަށްވާ އެބޮޓާބާދުގައި މަރުވި އުސާމާ ބިން ލާދިން ހޯދުމަށް އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ފޭކް ވެކްސިން ހަރަކާތެއް ބޭއްވުމާ ގުޅިގެންނެވެ.

ޕާކިސްތާން-އަފްޣާނިސްތާން ބޯޑަރު ސަރަހައްދުގެ ދީނީ ލީޑަރުން ވެސް ވަނީ އެ ވެކްސިންގައި އިސްލާމްދީނުގައި މަނާކޮށްފައިވާ ބަނގުރަލާއި ރާގެ ނިޝާންތައް ހުރި ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!