ޚަބަރު

ކޮވިޑް-19: ހިޔާ މަޝްރޫއުގެ ފްލެޓަށް އެދުނު މީހުންގެ ހާލަތު ބެލުންވެސް މެދުކަނޑާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލާފައި ތިބި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ކުރަމުން އަންނަ މަސައްކަތް ކޮވިޑް-19 ގެ ސަބަބުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

Ads by STELCO

ރައީސް އޮފީހުން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19، ދިވެހިރާއްޖޭގައި ފުޅާދާއިރާއެއްގައި ފެތުރުން ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، މިއަދުން ފެށިގެން "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން ކުރިއަށްގެންދާ، "ހިޔާ" މަޝްރޫއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލެއްވުމަށް ނިންމާފައިވާ ކަމަށެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އެ ފިޔަވަޅު އަޅާފައިވަނީ ހުރިހާ ފަރާތްތަކެއްގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައިކަމަށާއި އެ މަސައްކަތް އަލުން ފެށުމުގެ ކުރިން އެކަން އާންމުކޮށް އިއުލާންކުރެވޭނެ ކަމަށް ކޮމެޓީން ބުނެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާރު 11 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެންމެފަހުން ރާއްޖެއިން މީހަކު މި ބައްޔަށް ޕޮޒިޓިވްވިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރީ މިއަދުގެ ވަގުތެއްގައެވެ. އެޗްޕީއޭ އިން ބުނީ އަނަންތަރާ ރިސޯޓުން އެ ބައްޔަށް ޝައްކުވެގެން ޓެސްޓު ކުރި މީހާ އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!