މަޝްރޫއުތަކުގެ ދުވެލި ހަލުވި ކުރަން އިތުރު ކުންފުންޏެއް އުފައްދަނީ, ފައިދާ ނުވާ ކުންފުނިތަކާމެދު ގޮތެއް ނިންމަނީ
އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހަލުއި ކުރުމަށް، އެމްޓީސީސީ ފަދަ އިތުރު ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ, ސަރުކާރުން ކުރިއަށް ގެންދާ އިންފްލާސްޓްރަކްޗާގެ ގިނަ މަސައްކަތްތައް ހުއްޓިފައި ހުރުމަށް އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިހާރު މި މަސައްކަތް ކުރަމުންގެންދާ ކުންފުނި ކަމަށްވާ، އެމްޓީސީސީ އިތުރުން އެ ފަދަ އެހެން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.
"އިތުރު ކުންފުންޏެއް ހެދުމުގެ ވާހަކަ އެއައީ މިހާރު އެމްޓީސީސީގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް 100 އެތައް ޕްރޮޖެކްޓެއް ފުނިޖެހިފައި ހުރުމާއެކު އެމްޓީސީސީގެ ކެޕޭސިޓީގައި އެ ހުރިހާ މަސައްކަތްތައް ކުރުމުގެ ކެޕޭސިޓީނެތީމަ, ކޮންމެ ކުންފުންޏަކަށް ވެސް ހޭންޑަލް ކުރެވޭނީ ވަކިވަރަކަށްވާތީ" ނާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސިޔާސަތުތަކެއް ކަނޑައެޅުމަށް ކެބިނެޓުން ވަނީ ނިންމާފައިއެވެ. އެގޮތުން ދައުލަތުގެ ކުންފުނިތައް ގިންތި ކުރެވޭ އުސޫލު މުރާޖާކޮށް، ކުންފުނިތަކުގެ ޕާފޯމެންސް ރަނގަޅު ކުރުމަސް ޝައުގުވެރިކަން އިތުކުރެވޭނެހެން ވަކި ވަކި ކުންފުނިތަކަކަށް ހާއްސަ ކީ ޕާޕޯމެންސް އިންޑިކޭޓާސް ކަނޑައަޅާ ތިން މަސް ދުވަހުގެ ތެރޭގައި ތަންފީޒުކުރުން ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ނެޝަނަލައިޒްކޮށް ބާއްވާނެ ކުންފުނިތަކާއި ޕަބްލިކް، ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހިންގާނެ ކުންފުނިތަކާއި އަދި އާންމުންނަށް ހިއްސާ ވިއްކައިގެން ހިންގާނެ ކުންފުނިތައް ދެނެގަނެ އެކުލަވާލަންޖެހޭ ސިޔާސަތު ތިން މަސް ދުވަހުގެ ތެރޭގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ނާޒިމް ވިދާޅުވީ ދައުލަތް ހިއްސާވާ ކުންފުނިތަކަށް ސަބްސިޓީ ދޭން ޖެހޭ ހާލަތްތަކާއި ސަބްސިޓީ އާއި ކެޕިޓަލް ދޭނެ އުސޫލު 3 މަސް ދުވަސް ތެރޭގައި ކަނޑައެޅުމަށްވެސް ނިންމަވާފައިވާ ކަމަށެވެ.
އެކަށީގެންވާ ގޮތެއްގައި ޕާފޯމް ނުކުރާ ކުންފުނިތައް ހިންގުން މި އަހަރުގެ ތެރޭގައި ހަރުދަނާކޮށް ކޭޝްޕްލޯ ހަމަޖެއްސޭނެ ގޮތްތަކެއް ހޯދައިދީ ކުންފުނިތަކުގެ ޕާފޯމެންސް ރަނގަޅު ކުރުމަށް އަންނަ އަހަރުގެ 6 މަސް ދުވަހުގެ ތެރޭގައި މުއްދަތެއް ދިނުމަށްފަހު އެ މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާޕޯސް ނުކުރޭ ކުންފުނިތަކަށް ބަދަލު ގެނައުމަށްވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެގޮތުން ރީސްޓްރަޗާ ކުރަން ޖެހިއްޖެ ހާލަތެއްގައި ރީސްޓްރަކްޗާ ކުރުމާއި އެއްކޮށްލަން ނުވަތަ އުވާލުމުގެ މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތް ފެށުމަށްވެސް އަދި އަލަށް ކުންފުންޏެއް ފެށުމާ އަދި އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލު 3 މަސް ދުވަހުގެ ތެރޭގައި އެކުލަވާލުންމަށްވެސް ނިންމަވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.