ޚަބަރު

ސީރިޔާއިން 15 ކުދިންނާއި 6 މީހަކު ރާއްޖެ ގެނެސްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސީރިޔާގައި ކުރިޔަށްދާ ދާޚިލީ ހަނގުރާމައިގެ ސަރަހައްދުން 21 ދިވެއްސަކު ރާއްޖެ ގެނެސްފިއެވެ.

Ads by MWSC

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސީރިއާއަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން ފަސް އާއިލާއެއް އެނބުރި އަންނަން ބޭނުންވުމުން، އެ 21 މީހުން މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށެވެ.

އެ މީހުން ރާއްޖެ ގެނެސްފައިވަނީ ޑީއެންއޭ ހެދުމަށް ފަހު ކަމަށާއި ފުލުހުން އެ ފަރާތްތަކުގެ އާއިލާތަކުގެ ހާލު ބަލައި، މަޢުލޫމާތު ނަގާފައިވާ ކަމަށެވެ.

“މި މަސައްކަތް ކުރެވެމުން ދިޔަ އިރު ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ އާއިލާތަކުގެ ހާލަތު ބަލާ، އެސެސްމެންޓުތައް ހަދާ، މަޢުލޫމާތުތައް ނަގާ، އީ ދިވެހިންކަން ކަށަވަރުކުރުމަށް މިވަގުތު ދުނިޔޭގަ ހެދޭ ސައިންޓިފިކަލީ އެންމެ ޕްރޫވެން އެއް މެތަޑް ކަމަށްވާ ޑީއެންއޭ ހަދައި އެއީ ދިވެހިންކަން ކަށަވަރު ކުރެވުނު” އިހުސާން ވިދާޅުވިއެވެ.

އެ މީހުން މިހާރު ތިބީ ހިންމަފުށީގައި ގާއިމްކުރެވިފައިވާ ނޭޝަނަލް ރީއިންޓެގްރިޝަން ސެންޓަރުގައި ކަމަށާއި އެ ރަށަށް ގެންގޮސްފައިވަމީ މެޑިކަލް އެގްޒެމިނޭޝަން ހެދުމަށް ފަހު ކަމަށް އިހުސާން ވިދާޅުވިއެވެ.

އެ މީހުން ރާއްޖެ ގެނައީ ތުރުކީ- ސީރިއާ ބޯޑަރުގައި ހާލުގައި ޖެހިފައިވާ ކަމުގެ ރިޕޯޓް ސަރުކާރަށް ލިބިގެން ކަމަށާއި 2022ގެ ޖޫން މަހުން ފެށިގެން ސަރުކާރުން ދިޔައީ އެ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް އިހުސާން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!