ދުނިޔެ

އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުން ބަދަހި ކުރަން މަޝްވަރާކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕްރަނޭ ވަރްމާއާއި ބަންގްލަދޭޝްގެ އާ ޚާރިޖީ ވަޒީރު ހަސަން މަހްމޫދުއާ ބައްދަލުކުރައްވާ، ދެގައުމުގެ ގުޅުން ބަދަހު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

ބަންގްލަދޭޝް ސަރުކާރުގެ އާ ދައުރެއް ފެށުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރު ޕްރަނޭ ވަރްމާ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުގެ ތަހުނިޔާ، ބަންގަލަދޭޝްގެ އާ ޚަރިޖީ ވަޒީރު ހަސަން މަހުމޫދަށް އަރިސްކުރައްވާފައެވެ.

ބަންގްލަދޭޝްގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 15 ޖެނުއަރީ 2024 ގައި ބަންގްލަދޭޝްގެ އާ ފޮރިން މިނިސްޓަރ ހަސަން މަހްމޫދުގެ އަރިހަށް އެޗްސީ ޕްރަނޭ ވަރްމާ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރގެ ފަރާތުން ތަހުނިޔާ ދަންނަވާފައިވާ ކަމަށެވެ. އަދި ބަންގްލަދޭޝް ރިޔާސީ އާ ދައުރުގައި އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށްވެސް އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު، އިންޑިއާއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕްރަނޭ ވަރްމާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ސަފީރުވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިޔާ ސަރުކާރުގެ ފަރާތުން ޝެއިޚް ހަސީނާއަށް ތަހުނިޔާ ފޮނުއްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން ޝެއިޚް ހަސީނާއަށް މަރުހަބާ ވިދާޅުވެފައެވެ.

މޯޑީގެ މެސެޖުގައި، ބަންގްލަދޭޝްއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިޔާއިން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި ވިދާޅުވީ، ބަންގްލަދޭޝްއާއެކު ދެމެހެއްޓެނިވި އަދި ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވެފައިވަނީ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ގުޅުއްވާ، ބަރުލަމާނީ އިންތިޚާބުގައި ޖެހިޖެހިގެން ހަތަރު ވަނަ ދައުރަކަށް އެކަމަނާ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާ ކަމުގައެވެ. އަދި އިންތިޚާބު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިކަމަށްޓަކައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެސް މޯޑީވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި ބަންގްލަދޭޝްއާއެކު އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މޯޑީވަނީ ވިދާޅުވެފައެވެ.

ޝައިޚް ހަސީނާ ވަނީ އެގައުމުގައި ބޭއްވުނު އިންތިޚާބުގައި ތާރީޚީ ކާމިޔާބީއެއް ހޯއްދަވައި، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހަތަރުވަނަ ދައުރެއް އިންތިޚާބުވެވަޑައިގެންފައެވެ.

އެކަމަނާގެ ޕާޓީ، އަވާމީ ލީގަށް ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ސަރުކާރު އުފެއްދުމަށް 223 ގޮނޑި ލިބުނެވެ. އެކަމަނާއަށް 249،962 ވޯޓު ލިބިވަޑައިގެންނެވިއިރު، އެކަމަނާއާ އެންމެ ގާތުން ވާދަކުރެއްވި އެމްޑީ އާތިކުރު ރަހްމާނަށް ލިބިވަޑައިގަތީ 6،999 ވޯޓެވެ. އަދި އަނެއް ކެންޑިޑޭޓް މަހާބުރު މުއްލާ އަށް ލިބިވަޑައިގަތީ 425 ވޯޓެވެ.

ޝެއިޚް ހަސީނާ ފަސް ވަނަ ދައުރެއް ކާމިޔާބު ކުރައްވާފައިވާއިރު، މިއީ ޖެހިޖެހިގެން އެކަމަނާ ބޮޑުވަޒީރުކަމަށް އިންތިޚާބުވާ ހަތަރު ވަނަ ދައުރެވެ.

މިއިންތިޚާބުގައި ބަންގަލަދޭޝްގެ ޖާތިޔާ ޕާޓީ (ޖާޕާ-އިރުޝާދު) އަށް 11 ގޮނޑި، ބަންގްލަދޭޝް ކަލިޔަން ޕާޓީއަށް އެއް ދާއިރާ އަދި އަމިއްލަ ކެންޑިޑޭޓުންނަށް 62 ގޮނޑި ކާމިޔާބު ކުރެވުނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބަންގްލަދޭޝްގެ ޖާތިޔާ ސަމަޖަންޓްރިކް ދާލް އާއި ވޯކާސް ޕާޓީ އޮފް ބަންގްލަދޭޝް އަށް ލިބިފައިވަނީ އެއް ގޮނޑި އެވެ.

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި ޖަމިއްޔަތުއް އިސްލާމީ އަދި އެއްވިސްނުމުގެ ޕާޓީތަކުން ވަނީ އިންތިހާބު ބޮއިކޮޓްކޮށް މުޅި ގައުމުގައި ހަޅުތާލު ކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!