އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް އެހީތެރިކަން އަވަސް ކޮށްދިނުމަށް އިދިކޮޅުން ގޮވާލައިފި
މާލޭގައި ރޭ ހިނގައިދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކޮށްދިނުމަށާއި އަދި އެފަރާތްތަކުގެ ބޯހިޔާވަހިކަމަށް ގެސްޓް ހައުސްތައް ހަމަޖެއްސުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ އިން ގޮވާލައިފިއެވެ.
މި ކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުގެ ޚަބަރު އެ ކޯލިޝަނުން އެހީ ނުހަނު ކަންބޮޑުވުމާއި އަސަރާއެކު ކަމަށާއި މި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދި އެ ކޯލިޝަނުން ދުޢާކުރާ ކަމަށެވެ.
ހަމައެހެންމެ އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއްނެތި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތައް ޚާއްސަކޮށް ދިވެހި ސިފައިންނާއި ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިދިކޮޅު ކޯލިޝަން އިން ވަނީ ޝުކުރު ދަންނަވާފައެވެ.
އަދި މި ހާލަތުގައި ބައެއް މީޑިއާތަކުން ކުރަމުންގެންދާ ދަށު ދަރަޖައިގެ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން އިދިކޮޅުން ވަނީ ކުށްވެރިކޮށްފައެވެ.
"އަދި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށްވެސް މި ކޯލިޝަންގެ ފަރާތުން އެފަދަ ތާކުންތާކު ނުޖެހޭ ޚަބަރުތައް ފަތުރަމުން ގެންދާ މީޑިއާތަކަށް ގޮވާލަމެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
އަދި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ރޭގެ ހާދިސާ ހިނގި ސަރަޙައްދަށް ވަޑައިގެން ދެއްވި އިންޓަވިއުގައި ޙާދިސާއަށް ފޯކަސް ކުރެއްވުމުގެ ބަދަލުގައި، ވާދަވެރި ކޯލިޝަނުން ހިންގާ ސިޔާސީ ހަރަކާތްތަކުގެ ވާހަކަދެއްކުވުމުން އެކަން ކުށްވެރިކޮށް މި ހިތާމަވެރި ދަނޑިވަޅުގައި ސިޔާސީވުމުގެ ބަދަލުގައި އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރު ކޮށްދެއްވުމަށް އަވަސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙަށް ވަނީ ގޮވާލާފައެވެ.