އެއްވެސް މީހަކު ވަގުތީ ހިޔަލަކަށް ނުދޭ: ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ

ރޭ މާލޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެއްވެސް މީހަކު ވަގުތީ ހިޔަަލަށް ގޮސްފައި ނުވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އަށް މައުލޫމާތު ދެއްވަމުން އެންޑީއެމްއޭގެ ޗީފް އެކްޒެކްޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި ރޭގެ އަލިފާނުގެ ހާދިސާ އާ ގުޅިގެން އެއްވެސް މީހަކު ބޯހިޔާވަހިކަމަށް އަދި އެދިފައި ނުވާ ކަމަށާއި އެ ސަރަހައްދުން އަލިފާން ނިއްވާލުމާއެކު މީހުން ދިރިއުޅޭ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު އެ އިމާރާތްތަކަށް މީހުން އަލުން ބަދަލުވެފައިވާ ކަމަށެވެ.
ރޭ 9:30 އެހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ފުރަތަމަ ރޯވެފައިވަނީ "ޓިއޯލޯ" ކެފޭގައެވެ. އެއީ ދެ ފަންގިފިލައަށް ހުރި އިމާރާތެވެ. އޭގެ ފަހުން ޖެހިގެން ހުރި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގައި ވަނީ އަލިފާން ރޯވެފައެވެ. އެ އިމާރާތުގެ މަތީ އެންމެ މަތީ ޓެރަސްގައި އަލިފާން ރޯވިއެވެ. އަދި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އަލިފާން މުޅިން ކޮންޓްރޯލް ކުރެވިފައިވަނީ 12 ޖަހާ ބޮޑުވި ފަހުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާއިރު އަލިފާން ރޯވި އިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.