އިންޑިއާގެ އަޔޯދިޔާގައި އާ މިސްކިތް އެޅުމުގެ އަމަލީ މަސައްކަތް މެއި މަހު ފަށާނެ
ހިންދޫން އެމީހުންގެ ކަލާނގެއަށް ބޮޑު ފައްޅިއެއް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އިންޑިއާގެ މައިނޯރިޓީ މުސްލިމުން މިއަހަރުގެ ފަހުކޮޅު އެ ސިޓީގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށަން ގަސްތުކުރަނީ، އެތައް ޒަމާނެއް ވަންދެން ލޭއޮހޮރުވި، އެތައް އަހަރެއް ވަންދެން ހިނގަމުން ދިޔަ ދެބަސްވުމަކަށްފަހު އާ ފެށުމެއްގެ އުއްމީދުގައެވެ.
މިސްކިތުގެ މަޝްރޫއު ބަލަހައްޓާ އިންޑޯ އިސްލާމިކް ކަލްޗަރަލް ފައުންޑޭޝަން (އައިއައިސީއެފް) ގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މުގައްރިރު ހާޖީ އަރްފަތު ޝެއިހް މި ހަފުތާގައި ވިދާޅުވީ ރަމަޟާން މަހަށް ފަހު މެއި މަހު އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި މިސްކިތް އެޅުމަށް ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ.
އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ އަޔޯދިޔާގައި 16 ވަނަ ގަރުނުގެ މިސްކިތެއް 1992 ވަނަ އަހަރު ހިންދޫ ހަރުކަށި ފިކުރުގެ މީހުން ތަޅާލީ، އެއީ ހިންދޫ ދީނުގެ ރަސްގެފާނު ރާމް އުފަންވި ތަނުގެ މަތީގައި ހަދާފައިވާ މިސްކިތެއް ކަމަށް ބުނެ އެވެ.
މި މައްސަލައިގެ ސަބަބުން މުޖުތަމައުތަކުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން ހީނަރުވެ، މިސްކިތް ހަލާކުވުމުގެ ސަބަބުން މުޅި ގައުމުގައި ހަމަނުޖެހުންތަކެއް ހިނގައި 2،000 މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.
އިންޑިއާގެ އެންމެ މަތީ ކޯޓުން 2019 ވަނަ އަހަރު އެ މިސްކިތް ތަޅާލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނި ނަމަވެސް، އެ މިސްކިތުގެ ދަށުގައި އިސްލާމް ދީން ނޫން އޮނިގަނޑެއް އޮތްކަން ހެކިތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެތަން ހިންދޫ ޖަމާއަތްތަކަށް ދީ، މިސްކިތެއް އެޅުމަށް އެ ސިޓީގެ އެހެން ތަނަކަށް މުސްލިމް ކޮމިއުނިޓީގެ ލީޑަރުންނަށް ބިން ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.