އިރާނާއި ޕާކިސްތާނުގެ ނުތަނަސްކުޑަކުރަން މަޝްވަރާއަށް
އިރާނާއި ޕާކިސްތާނާ ދެމެދު ހަމަލާތައް ބަދަލުކުރުމާއެކު ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.
އިރާނާއި ޕާކިސްތާނާ ދެމެދު ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުންތަކާއެކު ސަރަހައްދުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެކަމުގެ ބިރު ހީވެގެންދިޔައެވެ. ނަމަވެސް ހުކުރު ދުވަހު ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޖަލީލު އައްބާސް ޖިލާނީ އާއި އިރާނުގެ ފޮރިން މިނިސްޓަރ ޙުސައިން އަމީރު ޢަބްދުލް ހަޔާން އާ ދެބޭފުޅުން ވަނީ ފޯނުން ގުޅުއްވާ ވާހަކަދައްކަވާފައެވެ.
ދެ ބޭފުޅުން ފޯނުންގުޅުއްވާ ވާހަކަދެއްކެވިކަން ހާމަކޮށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓެރަރިޒަމާއި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ އެހެން މައްސަލަތައް ހައްލުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ދެ ގައުމުން އެއްބަސްވެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިރާނުން ވަނީ މިސައިލް އާއި ޑްރޯން ބޭނުންކޮށްގެން ޕާކިސްތާނުގެ ހުޅަނގު ދެކުނު ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތަކާ ދެކޮޅަށް ހަމަލާ ދީފައެވެ. އޭގެ ބަދަލެއްގެ ގޮތުން ޕާކިސްތާނުން ވަނީ ބުރާސްފަތި ދުވަހު އިރާނުގެ އަސްކަރީ އަމާޒުތަކަށް ހަމަލާ ދީފައެވެ.
ޕާކިސްތާނުން ވަނީ އެގައުމުން އިރާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ގައުމަށް ގެނެސް އިރާނުގެ ސަފީރު އަނބުރާ ގައުމަށް ދިޔުމަށް އެދިފައެވެ.
ނަމަވެސް މިހާރު ދެކެވެމުންދާ ވާހަކަތަކާއެކު ދެ ގައުމުގެ ސަފީރުން އަލުން އަނބުރާ ދިޔުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.