ޚަބަރު

ރައްޔިތުން ފެންނަން ޖެހޭނީ ވޯޓްލާއިރު އެކަންޏެއް ނޫން: ރައީސް ޑރ. މުޢިއްޒު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުން ފެންނަން ޖެހޭނީ ވޯޓްލާއިރު އެކަނި ނޫން ކަމަށާއި އަބަދުވެސް ރައްޔިތުންގެ ކައިރިއަށް ގޮސް, އެ މީހުންނަށް ބޭނުންވާ ކަންކަން ބަލަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މާލެ ސިޓީގެ އާ މޭޔަރާއި ތިން ދާއިރާއަކަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުމަށް ރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިބެ ރައްޔިތުންނާއެކު ރައްޔިތުންގެ ބަސް ހިމަނައިގެން ކަންކަން ކުރަން ޖެހޭ ކަމަށެވެ. އަދި އެމަނިކުފާނު މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރުގައި ކަންތައް ކުރެއްވީ އެގޮތަށް މަސައްކަތް ކުރެވޭތޯ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ފެންނަން ޖެހޭނީ ވޯޓްލާއިރު އެކަންޏެއް ނޫން. ރައްޔިތުން ގާތަށް ދާން ޖެހޭނެ އަބަދު. އަޅުގަނޑު މަސައްކަތް ކުރިން އެގޮތަށް މަސައްކަތް ކުރެވޭތޯ" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މޭޔަރުކަމުގައި ހުންނަވައިގެން އެމަނިކުފާނު ކަންތައް ކުރެއްވި ގޮތް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ, އެމަނިކުފާނާއި ކައުންސިލަރުން އުޅުއްވީީ ރަސްމީ މަސައްކަތުގެ ތެރެއިން ގޭގެއަށް ޒިޔާރަތް ކުރަން ޓައިމް ޓޭބަލްއެއް ހަދައިގެން ކަމަށެވެ.

"އެކަން ކުރީމަ އެ ރައްޔިތުން އުފާވޭ. އެ ރައްޔިތުންގެ ހާލު ބަލަން ރައްޔިތުން އުޅޭ ހިސާބަށް އެ ރައްޔިތުންނާ ހާމައަށް ވާސިލް ވެގެން ރައްޔިތުންގެ ކަންމަށް ހައްލު ގެނެސްދޭން މަސައްކަތް ކުރީމަ ރައްޔިތުންނަށް އެ ހިތް ހަމަ ޖެހުން ލިބޭ" ރައީސް ވިދާޅުވެ ދެއްވީ ރައްޔިތުން ގާތަށް ދާންވީ ސަބަބުތަކެވެ.

"ބައެއް ކަންކަން ނުވެދާނެ, އެހެންނަމަވެސް ކައިރިއަށް ދިޔައީމަ އެ ލިބޭ އުފާވެރިކަން އެ ރައްޔިތަށް ވެސް, ކައުންސިލަރަށް ވެސް މޭޔަރަށްވެސް އެބަލިބޭ"

ރައީސް ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރޭ ހުވާ ކުރެއްވި މޭޔަރާއި ކައުންސިލަރުންނާއި, ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ކައުންސިލަކުން ވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން ޝަކުވާ އަޑު އައްސަވައިގެން މަސައްކަތް ކުރެއްވުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!