ދުނިޔެ

ރަޝިއާއަށް ބިރެއްނެތި އިންޑިއާގެ އެހީތެރިކަން ޔޫކްރޭނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިޔަށްދާ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ތެރޭގައި އިންޑިއާއިން ޔޫކްރޭނަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހަރްޝް ކުމާރު ޖެއިން އިންސާނީ އެހީގެ 15 ވަނަ ޝިޕްމަންޓް މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ފަރާތުން ޔޫކްރެއިންއާ ހަވާލުކުރައްވާފައިވާ ކަމަށް އިންޑިއާގައި ހުންނަ ޔޫކްރެއިން އެމްބަސީން ބުނެފި އެވެ.

Ads by Sosun Fihaara

30 އައިއެފްއެލް/އޭ ޖަނަރޭޓަރު ހިމެނޭ މި ޝިޕްމަންޓް "ކްރިލާ ނަޑިޔީ" އިންސާނީ އެހީދޭ ފަންޑުގެ ޑިރެކްޓަރު މަޓާލިއާ ލިސްކާއާ އިންޑިއާގެ މަންދޫބު ހަވާލުކުރެއްވީ، ޔޫކުރެއިންގެ އެލްވީވްގެ ރީޖަނަލް ސްޓޭޓް އެޑްމިނިސްޓްރޭޝަންގެ ހެޑް މަކްސިމް ކޮޒިޓްސްކީގެ ހާޒިރުގަ އެވެ.

އިންޑިއާގައި ހުންނަ ޔޫކްރެއިން އެމްބަސީން ބުނެފައިވާ ގޮތުގައި، މި ޖަނަރޭޓަރުތައް އެލްވީވް ސަރަހައްދުގެ އަށް ތައުލީމީ މަރުކަޒަކަށް ދިނުމަށް ހަމަޖެހިފައިވަނީ އެ ތަންތަނުގެ ތައުލީމީ މަރުހަލާތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ އިންސާނީ އެހީއަށް ޔޫކްރެއިން އެމްބަސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި ރަޝިޔާއިން އުދުވާން ހިންގަމުންދާ ދަނޑިވަޅެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ޔޫކްރެއިން އެމްބަސީން ނެރެފައިާ ބަޔާނުގައި ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުގެ އިންސާނީ އެހީތެރިކަމާއި، ޔޫކްރެއިންގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައިވާކަން ވަރަށް ބޮޑަށް ފާހަގަކުރަން.

ޔޫކުރެއިން އެމްބަސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު އިންޑިއާއިން ވަނީ އިންސާނީ އެހީގެ 14 ވަނަ ޝިޕްމަންޓުގައި ޒަރޫރީ ބޭސްތައް ހިމެނޭ ގޮތަށް ޔޫކްރެއިންއާ ހަވާލުކޮށްފަ އެވެ. މި އެހީ ހަވާލުކޮށްދެއްވީ އިންޑިއާއިން ޔޫކްރެއިންއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރްޝް ޖެއިންއެވެ. މި ޝިޕްމަންޓް ޔޫކްރެއިންގެ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިހޯރު ކުޒިންއާ ހަވާލުކޮށްފައިވާއިރު، އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޔޫކްރެއިންގެ މިނިސްޓަރު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ދާދި ފަހުން އިންޑިއާ އާއި ޔޫކްރެއިން އިން ވަނީ އިންޑިއާ-ޔޫކްރެއިން ފޮރިން އޮފީސް ކޮންސަލްޓޭޝަންސް (އެފްއޯސީ)ގެ ނުވަ ވަނަ ބުރު ކިއެވްގައި ބާއްވައި، މިހާރު ކުރިއަށްދާ މޮސްކޯ އާއި ކީވްގެ ހަމަނުޖެހުންތަކާއި ސުލްހައިގެ މަސައްކަތްތަކާ ބެހޭ ގޮތުން ހިޔާލު ބަދަލުކޮށްފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނުވަ ވަނަ ފޮރިން އޮފީސް ކޮންސަލްޓޭޝަންސް (އެފްއޯސީ) އާއި ޔޫކްރެއިންގެ ފޮރިން މިނިސްޓްރީގެ ފުރަތަމަ ޑެޕިއުޓީ މިނިސްޓަރު އެމިން ޒަޕަރޯވާ އާ އެކު ބޭއްވި 9 ވަނަ ފޮރިން އޮފީސް ކޮންސަލްޓޭޝަން (އެފްއޯސީ)ގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ސެކްރެޓަރީ (ހުޅަނގު) ސަންޖޭ ވަރްމާ ކަމަށެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން މުޅިން ބައްލަވާލައްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ސުލްހައިގެ މަސައްކަތްތަކާ ބެހޭގޮތުން ދެ ޤައުމުގެ މެދުގައި މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެއްވި ކަމަށާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ބައިނަލްއަގުވާމީ އަދި މަލްޓިލޭޓަރަލް މައްސަލަތައް ވެސް އެޖެންޑާކުރިކަމަށް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެބަޔާނުގައި ބުނެފައި ވެއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!