ދުނިޔެ

ހެނާން ޕްރޮވިންސްގެ ސްކޫލް ޑޯމިޓަރީގައި ހިނގި އަލިފާނުގެ ހާދިސާގައި 13 މީހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ މެދުތެރޭގެ ސްކޫލެއްގެ ޑޯމިޓަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އުމުރުން ނުވަ އަހަރާއި 10 އަހަރުގެ 13 ސްކޫލް ކުދިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ޒިންހުއާ ސްޓޭޓް ނިއުސް އެޖެންސީން ބުނެފި އެވެ.

Ads by Sosun Fihaara

ހެނާން ޕްރޮވިންސްގެ ޔަންޝަންޕޫ ވިލެޖްގައި ހުންނަ ޔިންގްކައި ސްކޫލުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ނަންޔަންގް ސިޓީ ކައިރީގައި ހުންނަ އެ ސްކޫލުގެ މެނޭޖަރު ހިފަހައްޓައި ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަދި އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.
އެ ސްކޫލުގެ ޓީޗަރަކު ދައުލަތުގެ ހެބެއި ޑެއިލީއަށް މައުލޫމާތު ދެމުން ބުނީ މަރުވި އެންމެންނަކީ ވެސް އެއް ގްރޭޑް ތިނެއްގެ ކުލާހަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

އަލިފާން ރޯވިއިރު ގާތްގަނޑަކަށް 30 ވަރަކަށް ދަރިވަރުން ޑޯމިޓަރީގައި ތިބި އިރު ބާކީ ތިބި ކުދިން ވަނީ ސަލާމަތުން ނެރެފަ އެވެ. ޒިންހުއާ އިން ބުނީ އަލިފާން ނިއްވާލާފައިވަނީ އަލިފާން ނިއްވާ މީހުންނަށް އެންގިތާ ގަޑިއެއްހާއިރު ވެސް ނުވަނީސް ކަމަށެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ވަނަވަރާއި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ އިތުރު ތަފްސީލެއް ރަސްމީ ޗެނަލްތައް މެދުވެރިކޮށް ހާމަކޮށްފައެއް ނުވެއެވެ.

ދައުލަތުގެ މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޑޯމިޓަރީ އިމާރާތުގެ ބައެއް ބިއްލޫރިތައް ތަޅާލައި، ސްކޫލުގެ ވަށައިގެންވާ ސަރަހައްދު ބަންދުކޮށް، ފުލުހުން ދަނީ އެ ސަރަހައްދު ޕެޓްރޯލް ކުރަމުންނެވެ.
ޒިންހުއާ އިން ބުނި ގޮތުގައި އެ ސްކޫލަކީ ދިހަ އަހަރު ވަންދެން ހިންގަމުން އައި ޕްރައިވެޓް ސްކޫލެއް ކަމަށާއި އެ ސްކޫލަކީ ކައިރި ރަށްރަށުގައި ދިރިއުޅޭ ނާސަރީ އަދި ޕްރައިމަރީ އުމުރުގެ ދަރިވަރުންނަށް ކިޔަވައިދޭ ސްކޫލެއް ކަމަށެވެ.

އެ އެޖެންސީން ބުނީ އެ ސްކޫލުގެ ނާސަރީގައި ކިޔަވާ ކުދިން ހަފުތާ ބަންދުގައި އެނބުރި ގެއަށް ގޮސްފައިވާ ކަމަށެވެ.

ޗައިނާގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތަކަކީ އިމާރާތްކުރުމާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރުމުގައި ލުއިގޮތްތަކެއް ހުރުމުގެ ސަބަބުން އާދަޔާ ހިލާފު ކަމެއް ނޫނެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޝާންޝީ ޕްރޮވިންސްގެ ލުލިއަންގް ސިޓީގެ އޮފީސް އިމާރާތެއްގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި 26 މީހުން ވަނީ މަރުވެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!