ގައުމީ ދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި މެކްރޮން
އިންޑިއާގެ އަސްކަރިއްޔާއަށް ބޭނުންވާ ފްރާންސްގެ ފައިޓާ ޖެޓާއި ސަބްމެރިން ގަތުމަށް ނިއު ދިއްލީ އާއި ޕެރިހުން އެތައް ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއް ހަދަމުން އަންނައިރު، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ނަމަވެސް ނިއު ދިއްލީ އާއި ޕެރިހުގެ އޮފިޝަލުން ވިދާޅުވީ މި ދަތުރުފުޅަކީ އެކަށީގެންވާ ވަރަށް ވުރެ ރަސްމީ ދަތުރުފުޅެއް ކަމަށާއި މާ ބޮޑު ނަތީޖާއެއް ނުކުންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ފަރަންސޭސިވިލާތަކީ އިންޑިޔާގެ ދެވަނައަށް އެންމެ ބޮޑު ހަތިޔާރު ސަޕްލައިކުރާ ޤައުމަށްވާއިރު، ފަރަންސޭސިވިލާތަކީ ޒަމާނުއްސުރެ ޔޫރަޕްގައި އެޤައުމުގެ އެންމެ ދުވަސްވީ އަދި އެންމެ ގާތް އެއް ބައިވެރިޔާއެވެ. އެއީ 1998 ވަނަ އަހަރު އިންޑިއާއިން ނިއުކްލިއާ ޓެސްޓްތައް ކުރުމަށްފަހު ނިއުދިއްލީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނާޅާ ހުޅަނގުގެ ހަމައެކަނި ގައުމެވެ.
މިދިޔަ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބެސްޓީލް ޑޭ ފާހަގަކުރުމަށް ކުރައްވާ ދަތުރުފުޅުގެ ކުރިން އިންޑިއާ ސަރުކާރުން ވަނީ 26 ރަފާލް ޖެޓް ގަނެ، ގާތްގަނޑަކަށް 800 ބިލިއަން ރުޕީސް (9.62 ބިލިއަން ޑޮލަރު) ގެ ސްކޯޕީން ކްލާސްގެ ތިން ސަބްމެރިން އެކުގައި އުފެއްދުމަށް އިބްތިދާއީ ހުއްދަ ދީފަ އެވެ.
ނަމަވެސް އެ ޑީލްތައް އަދި ނިންމާފައެއް ނުވެ އެވެ. ފަރަންސޭސިވިލާތުން ވެސް ވަނީ ޖައްވީ ދާއިރާއާއި ނިއުކްލިއާ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ފަރަންސޭސި ވިލާތުގެ ރިޔާސީ އެޑްވައިޒަރުން މި ދަތުރުފުޅުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ފަރަންސޭސިވިލާތަށް މި ދަތުރަކީ ފާއިތުވި އަހަރުތަކުގައި ޕެރިހުން ނިއުދިއްލީއާ އެކު ހަދާފައިވާ ސްޓްރެޓެޖިކް ޕާޓްނާޝިޕް އިތުރަށް ހަރުދަނާ ކުރުމަށް ލިބުނު ފުރުސަތެއް ކަމަށާއި ނަމަވެސް ދިފާއީ ދާއިރާއިން އާ ކޮންޓްރެކްޓެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
ފްރާންސްގެ ފައިޓާ ޖެޓްތަކަށް އެންޑީއައިއޭ އިން ބަރޯސާވާތާ މިހާރު ހަތަރު އަހަރު ވެއްޖެ އެވެ. ޑަސޯލްޓް އޭވިއޭޝަންގެ ރަފާލް ގަތުމުގެ މާ ކުރިން އިންޑިއާއިން ވަނީ 1980 ގެ އަހަރުތަކުގައި މިރާޖް ޖެޓްގަނެފަ އެވެ.
މިއީ މެއި މަހުގެ ފަހުން މޯދީ އާއި މެކްރޮން ބައްދަލުކުރައްވާ ފަސް ވަނަ ބައްދަލުވުމެވެ.
މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނުންގެ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ އިތުރުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބާނީޒް އާއި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ވެސް ހުންނާނެ ކަމަށް އިންޑިއާ އިން މީގެ ކުރިން އުއްމީދު ކުރި އެވެ. އިންޑިއާއާއެކު މި ތިން ގައުމަކީ ކުއާޑް ގްރޫޕް އޮފް ކަންޓްރީޒްގައި ހިމެނޭ ތިން ގައުމު ކަމަށްވާއިރު، ނިއު ދިއްލީން ވަނީ މި ހަފުތާގައި ކުއާޑް ސަމިޓެއް ބާއްވަން ނިންމައިފަ އެވެ.