މުމްބާއީ ސްލަމް ރީޑިވެލޮޕްމެންޓަށް ޑޭޓާ އެއްކުރުމުގެ މަސައްކަތް އަންނަ ފެބްރުއަރީ މަހު އަޑާނީއިން ފަށަނީ
އޭޝިއާގެ އެންމެ ބޮޑު އެއް ސްލަމް ކަމަށް ބެލެވޭ މުމްބާއީގެ ސްލަމްއެއް ރީޑިވެލޮޕްކުރުމުގެ މަސައްކަތުގެ ދަށުން އިންޑިއާގެ ބިލިއަނަރު ގޯތަމް އަދާނީ އިސްވެ ހުންނަވައިގެން އަންނަ ފެބްރުއަރީ މަހު އެއް މިލިއަން ފަގީރުންގެ ޑޭޓާ އާއި ބަޔޯމެޓްރިކްސް އެއްކުރަން ފަށާނެ އެވެ.
މި ސާވޭއަކީ ދަރަވީ ސްލަމްގައި ދިރިއުޅޭ މީހުންގެ ތެރެއިން އަލުން ތަރައްގީ ކުރަމުން އަންނަ ސަރަހައްދުން ހިލޭ ގޯތި ލިބޭނެ ފަރާތްތައް ކަނޑައެޅުމުގައި ވަރަށް މުހިންމު ސާވޭއަކަށް ވާނެ އެވެ. ނަމަވެސް 640 އޭކަރު (260 ހެކްޓަރު) ހިމެނޭ މި ސަރަހައްދު ރަނގަޅު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުން އަންނައިރު، ކޮންޓްރެކްޓް ދިނުމާ މެދު ގާނޫނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑު ނަމަވެސް، އެންމެ ފަހުން އަދާނީ ގްރޫޕުން ވަނީ މަހާރާޝްތުރާ ސްޓޭޓާ އެކު އެ ސަރަހައްދު އަލުން ތަރައްގީ ކުރުމުގެ ބިޑް ކާމިޔާބުކޮށްފަ އެވެ.
ހިލޭ ބޯހިޔާވަހިކަން ލިބޭނީ 2000 ވަނަ އަހަރުގެ ކުރިން ދަރާވީގައި ދިރިއުޅެމުން އައި ރަށްވެހިންނަށް އެކަންޏެވެ. އެ ސަރަހައްދުގެ އެންމެ ފަހުގެ ސާވޭ އަކީ މީގެ 15 އަހަރު ކުރިން ކުރިއަށް ގެންދިޔަ ސާވޭއެއް ކަމަށާއި ބައެއް އަންދާޒާތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް ހަތް ލައްކައެއްހާ މީހުން ދަރާވީއިން ބޭރުގައި ބަދަލުކުރެވިދާނެ ކަމަށާއި އެކަމުގެ ސަބަބުން ދިރިއުޅުން ގެއްލި، ނުވަތަ އެ މީހުންނަށް ކުލި ބޮޑުވުމުގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށެވެ.
ގޭގެއަށް ގޮސް ކުރިއަށް ގެންދާ މި ސާވޭ އެކްސަސައިޒްގައި އަދާނީ އިސްވެ ހުންނަވާ ފާމުން ދަރާވީގައި ދިރިއުޅޭ މީހުންގެ ތަފްސީލާއި، މީހުން ދިރިއުޅޭ ނުވަތަ ވިޔަފާރީގެ ބޭނުމަށް އެތަން ބޭނުންކުރާތޯ އާއި މިލްކުވެރިކަމުގެ ހެކިތަކާއި ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ސުވާލުތައް ބޭނުންކުރާނެ ކަމަށް އެ މަސައްކަތް ބަލަހައްޓާ ދަރާވީ ރީޑިވެލޮޕްމަންޓް އޮތޯރިޓީގެ ހެޑް އެސްވީއާރް ސްރިނިވާސް ވިދާޅުވި އެވެ.
"ކޮންމެ ގެއަކަށް ޓީމްތައް ދާނެ... ބަޔޯމެޓްރިކް ޑޭޓާ އެއްކުރާނެ،" ސްރިނިވާސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ. "ބޭނުމަކީ ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ލިބުމާއި، ޝަރުތު ހަމަނުވާ އެއްވެސް ބަޔަކަށް ނާޖާއިޒު މަންފާއެއް ނުލިބުން."
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ އިސްވެ ހުންނަވާ ސްޓޭޓް ސަރުކާރާއި އެހެނިހެން ބައިވެރިން އަދާނީއަށް 614 މިލިއަން ޑޮލަރުގެ ރީޑިވެލޮޕްމަންޓް ބިޑް ކާމިޔާބު ކުރިއިރު، އެ ކުންފުންޏަށް ނުހައްގުން ތާއީދު ކުރި ކަމަށް ބުނެ އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ. ދައުލަތާއި އަދާނީ ވަނީ އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށް އިންކާރުކޮށްފަ އެވެ.