ތަހުގީގު ހިނގާގޮތާމެދު އޮންލައިންކޮށް ޕީޖީއަށް ޝަކުވާ ހުށަހެޅޭނެ ގޮތް ހަދައިފި

ޖިނާއީ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން އެ ތަހުގީގީ އިދާރާއަކުން އެ މައްސަލަ ބަލާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަމުގެ ޝަކުވާ އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް ޕީޖީ އޮފީހުން ވިދާޅުވީ މީހަކު ޖިނާއީ މައްސަލައެއް ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުން، ތަހުގީގީ އިދާރާއިން އެ މައްސަލަ ބަލާގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެކަން ބަލައިދިނުމަށް އެދި ޕްރޮސެކިއުޓާރ ޖެނެރަލަށް ޝަކުވާ ހުށަހެޅިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަ ކަމަށެވެ.
އެގޮތުން ތަހުގީގު ހިންގާ ގޮތާމެދު މީހެއްގެ ޝަކުވާއެއް އޮތްނަމަ، އޮންލައިންކޮށް އެ ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޕީޖީން ތައާރަފްކޮށްފައިވާ ކަމަށާއި، އެ ޝަކުވާތައް ހުށަޅަން ޕީޖީ އޮފީހުގައި ޓެބެއް އޮންނާނެ ކަމަށް އެ އޮފީހުން ވިދާޅުވެފައި ވެއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، ޝަކުވާ ހުށަހަޅާ ޓެބަށް ފިތާލުމުން ފެންނަ ފޯމުގެ ގިނަ ބައި ހުންނާނީ ފުރާފައި ކަމަށާއި، ޝަކުވާ ހުށަހަޅާ މީހާ ކުރަން ޖެހޭނީ ދެ ކަމެއް ކަމަށެވެ.
މިގޮތުން އެއީ އޭނާގެ ޝަކުވާއަކީ ކޮބައިކަމާއި، އޭނާ ތަހުގީގީ އިދާރާއަށް ހުށަހެޅި ލިޔުމުގެ ކޮޕީއެއް އަޕްލޯޑް ކުރުން ކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.
ހަމަ އެހެންމެ އެ ޝަކުވާ ފޯމު ލިބޭނީ އެ މައްސަލައެއް ބެލުމާ ހަވާލުވެހުރި ޕްރޮސެކިއުޓަރުގެ ސްކްރީނަށް ކަމަށާއި އެ ސްކްރީނުން އެހެން ސްކްރީނަކަށް ނުވަތަ އެހެން މަސައްކަތަކަށް ދެވޭނީ އެއަށް ޖަވާބު ދިނުމަށްފަހު ކަމަށާއި ޖަވާބުދޭނެ ދުވަހެއް ނޯޓުކުރާ ވަގުތު ޝަކުވާ ހުށަހެޅި މީހާއަށް މެސެޖެއް ލިބޭއިރު، ޝަކުވާ ހުށަހަޅާކަށްވެސް، ފޯމުގެ ޖަވާބު ހޯދާކަށް އެއްވެސް ތާކަށްދާކަށް ނުޖެހޭނެ ކަމަށްވެސް ޕީޖީން ހާމަކުރެއެވެ.
އޮންލައިންކޮށް ޝަކުވާ ހުށަހެޅޭގޮތް ހަދާފައިވީ ނަމަވެސް، ސީދާ ކަރުދާސް ފޯމުން ނުވަތަ ސިޓީއަކުން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ކުރިއެކޭވެސް އެއްގޮތަށް އޮންނާނެ ކަމަށާއި މި ޚިދުމަތާއި ބެހޭގޮތުން އިތުރު ސުވާލެއްވާނަމަ އެ އޮފީހަށް މެއިލް ކުރުމުން އެ ސުވާލެއްގެ ޖަވާބު، ސުވާލާއި ޖަވާބު ބަޔަށް އިތުރު ކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ.