ދުނިޔެ

އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރުގެ މައްސަލަ ހޫނުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އޮންނަ ވިޔަފާރީގެ މަގުތަކަށް ބޮޑު ޝޮކެއް ލިބިފައިވާ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ ޓްރަކްތަކާއި މުދާ އުފުލާ އުޅަނދުތައް ޓޯރްޚާމް ބޯޑަރު ކްރޮސިންގައި ތާށިވެފައިވާ ތަން ފެނެ އެވެ. އަފްޣާނިސްތާނުގެ ޑްރައިވަރުންނަށް އެގައުމަށް އެތެރެވުމަށް ސައްހަ ޕާސްޕޯޓާއި ވިސާ އޮންނަން ޖެހޭ ގޮތަށް ޕާކިސްތާނުން މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހަރުކަށި ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން މި ހާލަތު ކުރިމަތިވި އެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ފެޑެރަލް ސަރުކާރުން ބޯޑާ މެނޭޖްމަންޓް ޕޮލިސީ ތައާރަފްކުރީ 2016 ވަނަ އަހަރު، ޓޯރްޚާމް ބޯޑަރު ކްރޮސިންއިން ދަތުރު ކުރެވޭނީ ޕާސްޕޯޓާއި ސައްހަ ވިސާ އޮންނަ ފަރާތްތަކަށެވެ. ނަމަވެސް އަފްޣާނިސްތާން-ޕާކިސްތާން ބޯޑަރުގައި މި ސިޔާސަތު އަމަލީ ގޮތުން ތަންފީޒު ކުރުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ވެސް ހަގީގަތަކަށް ނުވި އެވެ. އެހެންކަމުން ޕާސްޕޯޓް ނެތް އަފްޣާނިސްތާނުގެ ޑްރައިވަރުންނަށް ޕާކިސްތާނަށް އެތެރެވުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ޕާކިސްތާނުން މި ފިޔަވަޅުތައް ތަންފީޒުކުރަން ނިންމި ނިންމުމާ ގުޅިގެން ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިއީ އަވަސް އަރުވާލައިގެން ނިންމި އެއްފަރާތަކުން ނިންމި ނިންމުމެއްގެ ގޮތުގައި ދެކި، ބޯޑަރުގެ ދެ ފަރާތުގެ މީހުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެފަ އެވެ. މި އާ ގަވައިދުތައް ހަރުކަށިކޮށް ތަންފީޒު ކުރުމުގެ ސަބަބުން، މުދާ އުފުލާ އެތައް ސަތޭކަ ޓްރަކްތަކެއް އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ތާށިވެފައި އޮތުމުން، މިކަމުގެ އަސަރު ވަރަށް ސާފުކޮށް ފެންނަން އެބަހުއްޓެވެ.

އޭގެ ރައްދުގައި ތާލިބާނުން ވަނީ ޕާކިސްތާނުގެ މުދާ އުފުލާ އުޅަނދުތައް އަފްޣާނިސްތާނަށް އެތެރެވުން ހުއްޓުވައި އެކަމަށް ރައްދު ދީފަ އެވެ. ތާލިބާނުންނާއި ޕާކިސްތާނުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް އެންމެ ބިޒީ ޓޯރްޚާމް ބޯޑަރު ކްރޮސިން އަލުން ހުޅުވުމުގެ އެއްބަސްވުމެއް އަދި ވެސް ނުފެނެ އެވެ.

މަޝްވަރާތަކާ ގުޅިފައިވާ ނަންގަރްހާރުގެ ތާލިބާނުންގެ ގަވަރުނަރުގެ ތަރުޖަމާނު މުއްލާ އާދިލް ވަނީ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. ޓޯރްޚާމް ބޯޑަރު ކްރޮސިންއަކީ ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސާއި އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސް ގުޅުވާލަނީ ތާރީޚީ ޚައިބަރު ޕާސް މެދުވެރިކޮށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!