އިމްރާން ޚާނާއި އަނބިކަނބަލުންނަށް 14 އަހަރުގެ ޖަލު ހުކުމެއް
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީން ބުނީ އޭނާގެ އަނބިކަނބަލުން ބުޝްރާ ޚާންއަށް ވެސް 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކަމުގައެވެ. ޕާކިސްތާނުގެ އަސްކަރީ ކޯޓަކުން އެ ދެ މީހުންނަށް ހުކުމް އިއްވާފައި ވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވާ ކަމަަށް ކަނޑައެޅުމަށް ފަހުއެވެ.
ޚާންއަށް އިތުރު 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ދަޢުލަތުގެ ސިއްރުތަކެއް ހާމަކުރި ކަމުގެ ކުށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ އެއް ދުވަސް ފަހުންނެވެ. ކޮރަޕްޝަންގެ މައްސަލައިގައި ބުޝްރާ ޚާންގެ މައްޗަށް ޙުކުމްކޮށް އޭނާ ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގައި ޕީޓީއައިން ބުނެއެވެ. ޙުކުމާ އެކު ޚާން ބޮޑު ޢަދަދަކުން ޖޫރިމަނާ ކޮށްފައިވާ ކަމުގައި ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވެއެވެ.
ޚާންއާއި އޭނާގެ އަނބިކަނބަލުންނާ ދެކޮޅަށް ހުކުމް ކޮށްފައި ވަނީ ބޮޑުވަޒީރު ކަމުގައި އެކި ޤައުމުތަކުގެ ވެރިންގެ ފަރާތުން ހަދިޔާގެ ގޮތުގައި ލިބިފައިވާ އަގުބޮޑެތި ތަކެތިން ވިޔަފާރިކޮށް މާލީ މަންފާ ހޯއްދެވުމުގެ ކުށުގައެވެ. ޚާންއާ ދެކޮޅަށް އެ ހުކުމްތައް އިއްވާފައި ވަނީ ޕާކިސްތާނުގެ އާންމު އިންތިޚާބު ފެށެން ހަފުތާއަކަށްވެފައިވަނިކޮށެވެ.
ޕާކިސްތާނުގެ ޝަރުޢީ މަރުޙަލާގައި ކުރިމަތިވި ވަރަށް ހިތާމަވެރި ދުވަހެއްގެ ގޮތުގައި ޚާންގެ ޤާނޫނީ ވަކީލުން ޓީމުން ސިފަ ކުރިއެވެ. އަދި ޚާންއާ ދެކޮޅަށް ހިންގި ޝަރީއަތުގައި އޭނާއާ ދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކާ ސުވާލު ކުރުމުގެ ފުރުޞަތު ވެސް ކޯޓުން ދީފައި ނުވާ ކަމަށް އެ ފަރާތުން ތުހުމަތު ކުރެއެވެ. އަދި އެ ޙުކުމްތައް އިސްތިޢުނާފު ކުރާނެ ކަމަށް ވެސް އޭނާގެ ޤާނޫނީ ވަކީލުން ބުނެއެވެ.
ހުސްވި އަހަރުގެ އޮގަސްޓު މަހު ވެސް ޚާންއަށް ވަނީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ ވެސް ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވި ތަކެތިިން ވިޔަފާރި ކުރެއްވުމުގެ ކުށް ސާބިތުވުމުން ކޮށްފައިވާ ޙުކުމެކެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެ ޙުކުމް ބާޠިލުކޮށްފައިިވީ ނަމަވެސް އޭނާ އަދިވެސް ހުންނެވީ ޖަލުގައެެވެ. އަދި އެ ޙުކުމާ އެކު ޢާންމު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ޚާނަށް ގެއްލުނެވެ.