ދީން

ކޮވިޑް19: ﷲގެ ރަޙުމަތާއި މެދު މާޔޫސް ނުވާށެވެ. ޙާލަތު ބަދަލު ކުރައްވަވާނެތެވެ.

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެން ހޭދަ ކުރަމުން މިދާ ދުނިޔޭގެ ކުރު ޙަޔާތަކީ އަހަރެމެން ހިތްއެދޭ ކަންތަކާއި ހިތް ނޭދޭ އެތައް ކަމަކުން ފުރިގެންވާ ހަޔާތެކެވެ. އުފަލާއި ހިތާމައިގެ އިތުރުން ހިތްހަމަ ޖެހުމާއި ހާސްކަމަކީ ވެސް މި ދުނިޔޭގައި އަހަރެމެން ކުރިމަތިލާން ޖެހޭ ކަންކަމެވެ.

Ads by STELCO

ހިތްހަމަ ޖެހުމާއި ފަސޭހަ ދިރިއުޅުމަކަށް އެންމެން ލޯބިކުރި ނަމަވެސް އަހަރެމެންނާއި ކުރިމަތިވާ ހުރިހާ ޙާލަތްތަކަކީ ވެސް ކުރިމަތިވާ އިމްތިހާނު ކަމެވެ. އެކަމަކީ މުއްސަނދި ދިރިއުޅުމެއްކަމުގައި ވީ ނަމަ ވިސްނަންވި ކަމަކީ އެ މުއްސަނދިކަން ދެއްވި ﷲ ތަޢާލާ އެންގެވި ގޮތަށް މުއްސަނދިކަމުގެ ބޭނުން ހިފަން ޖެހޭ ކަމެވެ. އިންސާނާގެ ޙާލަތަކީ ފަގީރުކަންކަމުގައި ވީ ނަމަވެސް އަހަރެމެންގެ މައްޗަށް އޮތީ ކެތްތެެރިވެ ހާލަތު ބަދަލުކޮށްދެއްވުން އެދި ދުޢާ ކުރުމެވެ.

މުޅި ދުނިޔެއަށް ވެސް މިހާރު ކުރިމަތިވެފައިވަނީ ހިތާމައިގެ ޙާލަތެކެވެ. ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާ ކޮރޯނާގެ ނުރައްކާ އަހަރެމެންގެ ލޮބުވެތި ފަސްގަނޑުވެސް އޮތީ އިންތިހާ އަށެވެ. އެހެންކަމަށްވުމާއެކު މިއީ އަޅުގަނޑުމެން ކެތްތެރިވާން ޖެހޭ ވަގުތެވެ. ﷲ ތަޢާލާގެ ރަޙުމަތަށް އެދި ދުޢާ ދަންނަވަން ޖެހޭ ވަގުތެވެ. އެ އިލާހުގެ ރަޙުމަތާއި މެދު މާޔޫސްވުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ. ﷲ ތަޢާލާގެ ރަޙުމަތުގެ ތަނަވަސްކަމަކީ ބަޔާން ނުކުރެވޭ ފަދަ ތަނަވަސް ކަމެކެވެ.

ﷲ ތަޢާލާ ވަހީ ކުރައްވާފައިވެއެވެ.

﴿وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ﴾ [الأعراف 156]

މާނައީ: “އަދި ތިމަންއިލާހުގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ.”

ވީއިރު އަހަރެމެން ވާން ޖެހޭނީ ހެޔޮ ވިސްނުމުގެ އަހުލުވެރިންނަށެވެ. ﷲ އާއި މެެދު ރަނގަޅަށް ހީކުރާ މީހުންނަށެވެ. އެ އިލާހުގެ ރަހުމަތާއި މެދު އުއްމީދު ކަނޑާލުމަކީ ނުރައްކާތެރި ކަމެކެވެ. ﷲ ގެ މި ބަސްފުޅު އަޑު އަހާށެވެ.

﴿ وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ﴾ [سورة يوسف ٨٧]

މާނައީ: “އަދި ﷲ ގެ ރަޙްމަތުން ތިޔަބައިމީހުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ކާފިރުވި މީހުން މެނުވީ، ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައެއް ނުލާނެއެވެ.”

ކެތްތެރިވުމާއި ﷲ ތަޢާލާއަށް ވަކީލު ކުރުމުގެ އިތުރުން އެއިލާހުގެ ރަޙުމަތުން މާޔޫސް ނުވުމުގެ ފުރިހަމަ މިޘާލުތަކެއް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައި ވެއެވެ. އެގޮތުން ﷲގެ ޚަލީލް އިބްރާހީމް ޢަލައިހި ސަލާމް އަލިފާންގަނޑަށް އެއްލާލެވުނު ހިނދު އެކަލޭގެފާނު ދެއްކެވި ކެތްތެރިކަމާއި ޘާބިތު ކަމަކީ ނަމޫނާއެކެވެ. ހަމައެފަދައިން މޫސާގެފާނާއި އެކަލޭގެފާނަށް ތަބަޢަވި މީހުންނަށް ފިރުއައުނު ޖެއްސި ތުރާއާއި ކުރި އަނިޔާއިން ސަލާމަތްވުމަށް ޓަކައި އެކަލޭގެފާނާއި އެކަލޭގެފާނަށް ތަބަޢަވި މީސްކޮޅު ރަށުން ނިކުމެވަޑައިގެންނެވި ހިނދު ކަންތައް ހިނގައިދިޔަ ގޮތަކީ ވެސް އަހަރެމެންނަށް ހުރި ނަމޫނާ މިޘާލުތަކެވެ.

މޫސާގެފާނާއި އެކަލޭގެފާނަށް ތަބަޢަވީމީހުން ރަށުން ނިކުމެވަޑައިގެން ދަތުރުކުރައްވަނިކޮށް ފިރުޢައުނުގެ ލަޝްކަރު އަރާހަމަކުރިއެވެ. އޭރު ކުރިމަތީގައި އޮތީ މާ ސިންގާ ކަނޑެވެ. ފަހަތުން ހަތިޔާރު އެޅި، ބިޔަ ބޮޑު ލަޝްކަރެކެވެ. ހުރިހާ ކޮޅެއް ބަންދުވީއެވެ. އެހެންނަމަވެސް މޫސާގެފާނު ﷲގެ ރަޙްމަތަށް އުންމީދެއް ކަނޑައެއްނުލައެވެ. އެހިނދު އެ ދަތި ކަމުން ނުކުންނާނެ މަގެއް މާތް ﷲ ދެއްކެވިއެވެ. މޫސާގެފާނުގެ އަސާކޮޅު ކަނޑުގައި ޖެއްސެވުމުން ކަނޑު ދެ ފަރާތަށް ކެހިއްޖެއެވެ. އަދި މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްތެރިކަމާއެކު ކަނޑު ހުރަސްކުރިއެވެ.

ވުމާއެކު ، ޙާލަތަކީ ކިތަންމެ އުނދަގޫ އަދި ކިތަންމެ ހާސްކަން ބޮޑު ޙާލަތެއް ނަމަވެސް އަހަރެމެންނަށް އޮތީ ކެތްތެރިކަމާއެކު ﷲގެ ތަނަވަސް ރަޙުމަތަށް އެދުމެވެ. އެ އިލާހަށް ދެންނެވުމެވެ. ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

﴿وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ﴾ [سورة غافر 60] މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާ ކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ.”

އަދިވެސް އެ އިލާހު ވަޙީ ކުރައްވާފައިވެއެވެ.

﴿وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾ [سورة الأنعام ١٧] މާނައީ: “އަދި ﷲ ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެއިލާހު މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެއިލާހު ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެއިލާހީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.”

ދިވެހި އުއްމަތުގެ މިއަދުގެ ޙާލަތަކީ ހިތާމަވެރި ޙާލަތެކެވެ، ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ބަނަ ވިލާތައް މިވަނީ ދިވެހި އުދަރެސް ބައްދާލާފައެވެ. ނަމަވެސް މުއުމިނުންގެ ސިފައަކީ އިސްވެ ދެންނެވުނު ފަދައިން ކެތްތެރިކަމާއެކު ﷲގެ ތަނަވަސް ރަޙުމަތަށް އެދުމެވެ. މާޔޫސް ނުވުމެވެ. ހަމައެއާއެކު ކެތްތެރިކަމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ.ޙާލަތަކީ ބަދަލުވާނެ އެއްޗެކެވެ. ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

إِنَّ مَعَ الْعُسْرِ يُسْرًا ހަމަކަށަވަރުން ދަތިކަމާއިއެކު ފަސޭހަކަން ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!