ލައިފްސްޓައިލް

ކޮވިޑް-19: ނަފާ ނަސީމް ބުނެދެނީ ނަފާ ލިބޭނެ ގޮތްތައް!

މުޅި ދުނިޔެއަށް ވެސް މިހާރު ފެތުރިފައިވާ އެންމެ ބޮޑު ބިރަކީ، ނުރައްކާތެރި ވައިރަހެއް ކަމުގައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުން ދިޔުމުގެ ބިރެވެ. މިބިރު މިހާރު ރާއްޖޭގައިވެސް ފެތުރެމުން ދިޔުމާއި ގުޅިގެން، ސިއްޙީ މާހިރުންނާއި އިޤްތިސޯދާއިބެހޭ މާހިރުން ވެސް އަންނަނީ އެކަމާއި ގުޅޭގޮތުން އިރުޝާދު ދެއްވާ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ސަމާލުކަން ދޭންވީ ކަންކަން ވެސް ރައްޔިތުންނަށް އަންގައިދެމުންނެވެ.

އެގޮތުން ކޮވިޑް-19 އިން ނަފާ ލިބޭނެ ގޮތްތަކެއް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަދި ސަރުކާރަށް ޚިދުމަތް ކުރެއްވި އިޤްތިސޯދީ މާހިރެއް ކަމުގައިވާ، ނަފާ ނަސީމް ގެންދަވަނީ ކިޔައިދެއްވަމުންނެވެ.

"ކާބޯތަކެއްޗާއި ބުނާހެން މިދުވަސްވަރު އިންޓަރނެޓަށް ވެސް ބާރު ބޮޑުވާނެއެވެ. އިންޓަރނެޓު ބޭނުން ކުރުން މަދު ކުރުމަކީ ވެސް އިގްތިސޯދު ކުރުމެކެވެ. ފޫހިވިޔަސް ކޮންމެހެން ބޭނުންވީމާ ނޫނީ އިންޓަރނެޓް ބޭނުން ނުކުރައްވާށެވެ. ކިޔަވާ ކުދިންނަށް އެފުރުސަތު ވެސް ދޭން ޖެހެއެވެ. ދިރާގު އަދި އުރީދޫ އަށް ވެސް އެމަޖެންސީގައި ކެތެެއް ނުވާނެއެވެ." ނަފާ ނަސީމު ގެ އެއް ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އޭނާ ވިދާޅުވެފައިވަނީ ރިސޯޓުތަކާއި ވިޔަފާރިތަކާ، މަސައްކަތް ކުރާ މީހުން އަދި ސަރުކާރަށް ވެސް މިފަދަ ހާލަތުގައި ވާނީ ގެއްލުން ކަމަށެވެ. މިސާލަކަށް ރިސޯޓުތަކަށްވާ ގެއްލުން އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކި ކޮށްގެން ފޫބެއްދޭނެ ކަމަށް ހީވި ކަމުގައި ވިޔަސް، އެކަން ނުކުރެވޭނެ ކަމަށް ނަފާ ނަސީމް ވިދާޅުވެފައިވެއެވެ. އަދި އެފަދަ ގެއްލުން ފޫބެއްދޭނީ އެކަކު އަނެކަކާއި އަޅާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ދަރިންނޭ، މުސީބާތާއި ތުރާލުގެ ވަގުތުގައި ބަސް އަހާ ކިޔަމަންތެރިވުމަކީ މުސީބާތުން ސަލާމަތްވުމަށް ވަރަށް ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް ސިއްޙީ ބޭފުޅުންނަކީ މިހާރު ފަހުބަސް ވިދާޅުވާ ބޭފުޅުންނެވެ. އެބޭފުޅުންގެ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންތެރިވަމާ!" ނަފާ ނަސީމް ނަސޭޙަތްތެރިވެފައިވެއެވެ.

އިކޮނޮމިކް މޮޑެލިންގ އަދި މެތެމެޓިކަލް މޮޑެލިންގ މީހުންނަކީ ރިއަލިޓީގެ އަލީގައި ކަންކަން ކުރިޔަށް އަންދާޒާކުރާ ޢިލްމީ ސައްޙަ ޓެކްނިކްތައް ކަމަށާއި ޕޮލިސީ މޭކަރުން ޕޮލިސީ ހައްދަވާނީ އެފަދަ އަންދާޒާގެ އަލީގައި ކަމަށް ވެސް ނަފާ ނަސީމް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ހުށަހަޅަނީ އިމަޖެންސީ އިކޮނޮމިކް ޕޮލިސީއެއް. އެއީ މުސާރަޔާ ރެންޓާއި ޓެކުހާ އަދި ބާޒާރުގެ އަގުތައް، ކޮންމެ ބަޔަކުވެސް 50 ޕަސެންޓް ތިރިކުރަން. ދެން ގެއްލުމުގެ ބާކީ ދައުލަތުން ހިލޭ އެހީ ނުވަތަ ލޯނުން ހަމަޖައްސަން. ފިނޭންސް މިނިސްޓަރަށް އިކޮނޮމެޓްރިކްސް އެނގިލައްވާނެ! ޓްރައި ދިސް!" ނަފާގެ ނަމުގައި އިގްތިސޯދީ ފިލާވަޅުތަކެއް ހިމެނޭ ޕްރޮގްރާމްތަކެއް ޓީވީއެމުން ގެނެސްދެއްވި ނަސީމް ހިޔާލު ފާޅުކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!