މާލޭ މަގުމަތީގައި ''ކުނީގެ'' ގޮތުގައި ދޫކޮށްލާފައި ހުރި އުޅަނދުތައް ނަގަން ފަށަނީ
ގްރޭޓާ މާލެ ސަރަހައްދުގެ މަގުމަތީގައި ހަލާކުވެފައި ހުރި އުޅަނދުތައް ނެގުމުގެ އަމަލީ މަސައްކަތް މި ހަފްތާ ތެރޭގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މިރޭ ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ޓްރާންސްޕޯޓް މިނިސްޓަރު ހަސަން ޒިހާން ވިދާޅުވީ، މާލޭގެ މަގުމަތީގައި ހަލާކުވެ ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން އިސް ނަގައިގެން އާބަން ޑީކޮމްޕޮޒިޝަން މެނޭޖްމެންޓު ކޮމިޓީ އެއް އެކުލަވާލާފައިވާ ކަމަށެވެ.
އެ ކޮމިޓީގައި މިހާތަނަށް ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މައްސަލަ އަށް ހޯދޭނެ އަވަސް ހައްލުތަކާއި މެދުރާސްތާގެ ހައްލުތައް އަދި ދުރުރާސްތާ ހައްލުތައްވެސް ދެނެގަނެވިފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ޒިހާން ފާހަގަކުރެއްވީ ވެރިފަރާތުން ބޭނުން ނުވެގެން މަގުމައްޗަށް ''ކުނީގެ'' ގޮތުގައި ދޫކޮށްލާފައި ހުރި އުޅަނދުތައް ގިނަކަމެވެ.
''މި ހަފްތާތެރޭގަިއ މި ގޮތަށް ހުރި ވެހިކަންތައް މަގުމަތިން ނަގައި ސާފުކުކުރުމުގެ އަމލީ މަސައްކަތް ފެށިގެންދާނެ'' ޒިހާން ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހަމިއްޔާ ލަތީފް ވިދާޅުވީ މަގުމަތީގައި އެހެން ހުރި ވެހިކަލްތައް ނައްތާލުން ހިންގާ ފުރަތަމަ ޕްރޮގްރާމް މި މަހުގެ 10 ގައި ފަށާފައިވާ ކަމަށެވެ. އަންނަ މާޗު މަހުުގެ ހަތަރަކާއި ހަމަޔަށް ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި އަމިއްލަ އަށް އެދިގެން އުޅަނދުތައް ނައްތާލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަށް ހާއްސަކޮށް މިނިސްޓްރީން ވަނީ ހާއްސަ އެޕްލިކޭޝަން ފޯމެއްވެސް ތައާރަފުކޮށްފައެވެ.
''މި ފޯމް ސައިޓުން ޑައުންލޯޑްކުރެވޭނެ. ފޯމް ފޮނުވާލިމާ ބަލައިގަންނާނަން. އެ ފޯމާއި ގުޅިގެން އިތުރަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްފަހު އުޅަނދު މޯލްޑިވްސް ޕޮލިސް ސާވިސްއާ، އެޗްޑީސީ، ވެމްކޯ، ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްދަނީ. ހުރިހާ ފަރާތެއް އެކުައެކީގައި''
ހަމިއްޔާ ވިދާޅުވީ ކޮމިޓީގެ މަޝްވަރާތަކުގެ މަތިން ސިޓީ ކައުންސިލްއާ އެޗްޑީސީ ގުޅިގެން މާލެ އަދި ހުޅުމާލެ މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި އުޅަނދުތައް ދެނެގަތުމަށްޓަކައި ސާވޭއެއް ކޮށްފައިވާ ކަމަށެވެ. އެ ސާވޭގެ އަލީގައި ދެނެގަނެފައިވާ އުޅަނދުތައް އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އުޅަނދުތައް ނަގަން ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެއަށް ފަހު އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުމަށްފަހު އެ ތަކެތި ނައްތާލާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.