ޚަބަރު ސަރުކާރު

އިޤްތިޞާދާ ގުޅޭގޮތުން ހަޤީގަތާ ޚިލާފު ވާހަކަތައް ނުފަތުރަން އިލްތިމާސްކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅޭގޮތުން ހަޤީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

Ads by Hajj Corporation

ސަރުކާރުން އެގޮތަށް އިލްތިމާސް ކޮށްފައި މިވަނީ ރާއްޖެ އަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ޕްރޮގްރާމެއްގައި ބައިވެރިވާން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ތުހުމަތު ކޮށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން މިކަމަށް އިޝާރަތްކޮށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ހަމަ އެހެންމެ މިއީ މި ސަރުކާރުން ފަށާފައިވާ މުހިންމު އިޤްތިޞާދީ އަދި މާލީ އިސްލާހުތަކަށް ހުރަސް އެޅުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.

ދެމެހެއްޓެނިވި ހަރުދަނާ އިޤްތިޞާދެއް ބިނާކުރުމުގެ އިސްލާހީ އެޖެންޑާއާއެކު ކުރިއަށްދާއިރު، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި މާލީ ނިޒާމާ މެދު އޮތް އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަންވެސް އެ ބަޔާނުގައި ސަރުކާރުން ވަނީ ދީފައެވެ.

މީގެ އިތުރުން މި ސަރުކާރަށް ވާރުތަވެފައިވާ މާލީ ދަތިތަކާ އެކު ވެސް، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ރަނގަޅު ކަމަށް ބޭރުގެ މާލީ އިދާރާތަކުން އިލްތިމާސްކޮށްފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.  އަދި ރާއްޖޭގެ އިޤްތިޞާދާ މެދު ބޭރުގެ އިތުބާރު ހޯދަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ކަމަށް ބުރޫއަރާނެ، ޙަޤީޤަތާއި ޚިލާފު އަދި އަސާސެއް ނެތް އަޑުތައް ނުފެތުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!