ރައީސް ވިދާޅުވީ ރޯދައިގެ ކުރިން މަސްވެރިންނަށް ފައިސާދޭން ކަމަށް
މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ ރޯދައިގެ ކުރިން ދައްކައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާއެކު ހަވީރު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އެންމެ ކުރު މުއްދަތެއްގައި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދިނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން ވެރިކަމާއި ހަވާލުވިއިރު 200 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ނުދެއްކި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"ޖުމްލަ 442 މިލިއަން ރުފިޔާ ތިން މަސް ތެރޭގައި މި ދެއްކީ." ރައީސް ވިދާޅުވީ މަސްވެރިކަން ކުރާ ވަރަކަށް މަސްވެރިންނަށް ފައިސާ ދޭން ޖެހޭނެ ކަމަށެވެ.. މިހާރު ވެސް އެގޮތަށް ދައްކަން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
"އެ ފައިސާ ވެސް މި ބަލަނީ ރޯދައިގެ ކުރިން ނިންމާލެވޭތޯ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަރަދު އާއި މަރަދޫ ފޭދޫގެ މަސްވެރިންނަށް ވެސް 30 މިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ. އެ ފައިސާ ވެސް ވަރަށް އަވަހަށް ދައްކައިދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މަސްކިރުމަށް ފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބި ތިން މަސްވެފައި ވާތީ ގއ. ކޫއްޑޫގައި މަސްވެރިން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މަސްވެރިންނަށް ބައްދަލުކުރުމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ކޫއްޑޫއަށް ވަޑައިގެންފައެވެ.