ޚަބަރު

އެމްއޭސީއެލްގެ ޓޭކް އޮފް 2024 ފޯރަމް ފަށައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން "ޓޭކް އޮފް 2024" ގެ ނަމުގައި އިއްޔެ ފޯރަމެއް ފަށައިފިއެވެ.

Ads by MWSC

އެމްއޭސީއެލުން ބުނީ ކްރޮސްރޯޑްސް ގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަޑު މަޤުސަދަކީ އެމް.އޭ.ސީ.އެލްގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތް އެއްމިސްރާބަކަށް ގެންދިއުމަށާއި އަދި މި އަހަރަށް ކަޑައަޅާފައިވާ ލަޑުދަނޑިތައް ޙިއްސާކޮށް އެ ކަންކަން ޙާސިލު ކުރުމަށް އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

އެގޮތުން މި ފޯރަމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑައިރެކްޓަރ އަދި ސީ.އީ.އޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުތައް އަންނަ ދާއިރާއެއް ކަމަށާއި، އެމް.އޭ.ސީ.އެލްގެ އިސްވެރިން އެ ބަދަލުތަކަށް އަހުލުވެރިވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ހަމައެކަނި ކުރުމުއްދަތުގެ ކަންކަމަށް ފޯކަސްކޮށްގެން ކުރިޔަށް ދިޔުމަކީ މުސްތަޤްބަލު އަޅުގަނޑުމެން އަތުން ގެއްލިގެން ހިނގައިދާނެ ކަމެއް. އަޅުގަނޑުމެންނަކީ ވަރަށް ޑައިނަމިކް، މާކެޓަށް އަންނަ ބަދަލުތަކަށް ވަގުތުން ރެސްޕޮންސް ދޭން އެނގޭ ބަޔަކަށް ވާންޖެހޭނެ. ވަރަށް ގިނަ ފަހަރު ކުންފުނިތައް ފެއިލް ވަނީ ދުރުވިސްނުން ނެތުމުގެ ސަބަބުން." ޝަރީފް ވިދާޅުވިއެވެ.

"ޓޭކް އޯފް 2024" ފޯރަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަހަރުގެ މަސައްކަތްތައް އެކުލަވާލުމަށް، އެމް.އޭ.ސީ.އެލް ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ. ހަމަ މިފަދަ އިތުރު ފޯރަމެއް އަހަރު ނިންމަންވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގައި އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި، ކުންފުނީގެ ޑިވިޝަން، ޑިޕަރޓްމަންޓްތަކުގެ އިތުރުން ސެކްޝަންތަކުގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!