ލޯންޗު ދަތުރުކުރީ މަނާ ސަރަހައްދަކުން، މިނިސްޓަރު ގޮވާލީ ސަމާލުވާން

ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލުން ކަނޑުމަތީގައި މިރޭ އެކްސިޑެންޓުވި ލޯންޗު ދަތުރުކުރީ މަނާކޮށްފައިވާ ސަރަހައްދުން ކަމަށް ވިދާޅުވެ ސަމާލުވާން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިލްތިމާސްކުރައްވައިފިއެވެ.
ބްރިޖު ހަދާ އެފްކޮންސް ކުންފުނީގެ ލޯންޗަކާއި ރިސޯޓެއްގެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި 13 މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރެއިން ހަ މީހަކަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައެވެ.
މުއްތަލިބު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފައިވާ ކަމަށެވެ. އަދި ލައިސަންސް ހިފަހައްޓާނެކަމުގެ އިންޒާރުވެސް މިނިސްޓްރީން ވަނީ މީގެ ކުރިން ދީފައެވެ.
''މިފަދަ ހިތާމަވެރި އަދި ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް ކަނޑުގައި ދުއްވާ އުޅަނދުތަކުން މި ދެ ކަނޑުއޮޅިން ދަތުރު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރަން'' މިނިސްޓަރު ވިދާޅުވިއެވެ.