ފްލެޓް ލިބޭ މީހުން ނިންމާނީ މުޖުތަމައު ބަލައިގަންނަ މީހުންގެ މިނިވަން ކޮމިޓީއަކުން: ރައީސް
ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގައި ގޮތް ނިންމާނީ މުޖުތަމައު ބަލައިގަންނަ ގާބިލް މީހުންގެ މައްޗަށް އެކުލެވޭ މިނިވަން ކޮމިޓީއަކުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓު ލިސްޓުގެ މައްސަލަ އޭސީސީން ތަހުގީގު ކޮށް ނިންމުމަށްފަހު މިނިސްޓްރީއަށް މިހާރު ވަނީ ފޮނުވައިފައެވެ.
އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, މައްސަލަ ނިންމައި ފޮނުވި ނަމަވެސް ފްލެޓަށް އެދުނު މީހުންގެ މައުލޫމާތު ހިމެނޭ ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ނުލިބޭ ކަމަށާއި ޝަރުތު ހަމަނުވާ މީހުންގެ މައުލޫމާތު ވެސް ނުލިބޭ ކަމަށެވެ.
"އާންމުކުރަން ވެސް ބޭނުންވޭ ޗެކް ކުރުމަށްފަހު. އެކަމަކު އާންމުކުރަން ވެސް އެކްސެސް ނުލިބޭތީ ނުވެފައި މިއޮތީ," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ, ސަރުކާރުގެ ވިސްނުމަކީ މިނިސްޓްރީގެ މުވައްޒަފުން ފްލެޓު ލިސްޓާމެދު ގޮތް ނިންމުމުގެ ބަދަލުގައި, މުޖުތަމައު ބަލައިގަންނަ އިތުބާރު ކުރާ މީހުންގެ މައްޗަށް އެކުލެވޭ ފްލެޓު ކޮމިޓީއަކުން އެކަން ކުރުން ކަމަށެވެ.
"އިތުބާރު ގެންނަން ބޭނުންވާތީ އަޅުގަނޑުމެން ކުރާ ކަމެއް އެއީ, ސަރުކާރުގެ ތެރެއިން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ނަހަދާން ވެގެން. ރައްޔިތުންވެސް އެ ބައެއްގެ ބަސް ގަބޫލުކުރާ ކަހަލަ ބޭފުޅުން ކޮޅެއްގެ ކޮމިޓީއެއް ހަދާފައި އޭސީސީން އެ ނިންމި ނިންމުން އެ ލިސްޓު ކޮމިޓީ ލައްވައި ބަލާނީ, މުރާޖައާ ކުރާނީ," ރައީސް ވިދާޅުވިއެވެ.
އޭރުން މީހަކަށް ފްލެޓު ދީފައި އޮތީ ގޯސްކޮށް ނުވަތަ ނޫންކޮށްތޯ ވެސް ޔަގީން ކުރެވޭނެ ކަމަށާއި އެ ހިސާބަށް ދެވެން އޮތީ އެކްސެސް ލިބިގެން ކަމަށެވެ.
ރައީސް ވަނީ މި މަޝްރޫއުގެ ތެރެއިން ފްލެޓު ނުލިބުނުނަމަވެސް, އެއްވެސް މީހަކު ބޯހިޔާވަހިކަމުން ބާކީނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އެގޮތުން އެހެން މަޝްރޫއުތަކަށް ވެސް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންގޮސް އެކަން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަސް އަހަރުގެ ދައުރު ނިމޭއިރު ބޯހިޔާވަހިކަން ނުލިބޭ އެެއްވެސް ރައްޔިތަކު އުޅެން ނުޖެހޭނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ވެސް ވައުދުވެވަޑައިގެންފައެވެ. އެ ވައުދު ތަކުރާރު ކުރައްވައި ރައީސް މިރޭ ވެސް ވިދާޅުވީ އެންމެންނަށް ގެދޮރުވެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.