ޖެނުއަރީ 14ގެ ނިޔަލަށް ހުރި ހުރިހާ ބިލަކަށް މިއަދު ފައިސާ ދައްކާ ނިމޭނެ: މިފްކޯ
މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން އަތުން ގަނެފައިވާ ހުރިހާ މަހަކަށް ވާ ބިލުތަކުގެ ފައިސާ މިއަދުގެ ނިޔަލަށް ޖަމާކޮށް ނިމޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން ބުނީ އެ މުއްދަތަށް ވާ ފައިސާ މިއަދު ދޫކޮށް ނިމޭނެ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމަށް ނުބުނެ އެވެ.
މިފްކޯއަށް ކިރާ މަހަށް ފައިސާ ނުލިބޭ މައްސަލާގައި ގއ. ކޫއްޑޫގެ މަސްވެރިންތަކެއް ވަނީ ތިން ދުވަސް ވަންދެން މުޒާހަރާކޮށްފައެވެ. މަސައްކަތް ހުއްޓާލައި ކުރި މުޒާހާރާ ނިންމާލީ 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކުރަން ފެށުމުންނެވެ.
އޭގެތެރެއިން ނުދީ ބާކީވާ ބިލުތަކަށް ފައިސާ ދައްކާ ނިންމަން މިނިސްޓްރީންނާއި މިފްކޯއިން ދިން މުއްދަތަކީ މިއަދުގެ ނިޔަލަށެވެ. މިއަދާ ހަމައަށް 100 މިލިއަން ދައްކާ ނިމޭއިރު, ބާކީ ނުދެވި ހުރި 180 މިލިއަން ރުފިޔާ އަންނަ މަހުގެ ފަސް ވަަނަ ދުވަހުގެ ކުރިން ދައްކާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ހއ. އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ, މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ އޮތް ކަމަށެވެ. ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސަރުކާރަށް ފައިސާ ޗާޕުކޮށްގެން ވެސް އެ ފައިސާ މަސްވެރިންނަށް ދެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ނޮވެންބަރު 17 އިން ފެށިގެން މިހާތަނަށް 522 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކާފައިވާ ކަމަށެވެ.