މާދަމާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަނީ
އެއާ އެމްބިއުލާންސްގެ ހިދުމަތް މާދަމާ ފައްޓަވާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެއާއެންބިއުލޭންސްގެ ޚިދުމަތް ދިވެހިން ދޭން ފެށުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. މީގެ ކުރިން ވައިގެ މަގުން ބަލި މީހުން އުފުލަމުން ދިޔައީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކުންނާއި, އިންޑިއާގެ ޑޯނިއާ އަދި ހެލޮކޮޕްޓަރުންނެވެ.
އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނ. މަނަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ހިދުމަތް ފެށުމާއެކު ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ވެސް ބަލި މީހުން ކުއްލި ހާލަތުގައި އެއް ތަނުން އަނެއް ތަނަށް ގެންދެވޭނެ ބޯޓެއް އޮންނާނެ ކަމަށެވެ.
“އޭރުން އޮންނާނީ ފުލްޓައިމްކޮށް މޯލްޑިވިއަން އިން އޮޕަރޭޓްކުރާ އަޅުގަނޑުމެންގެ އަމިއްލަ ބޯޓެއް” ރައީސް ވިދާޅުވިއެވެ.
އެ ހިދުމަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް އާއި ހެލްތު މިނިސްޓްރީއާ ދެމެދު އިއްޔެ ވަނީ އެއްބަސްބުމުގައި ސޮއި ވެސް ކޮށްފައެވެ. އެއަރ އެންބިއުލެންސްގެ ގޮތުގައި ރާއްޖެއިން ބޭނުންކުރާނީ މޯލްޑިވިއަންއިން ބޭނުން ކުރަމުން އައި ކިއު2 މަރަކައިގެ މަތިންދާ ބޯޓެކެވެ. މި މަތިންދާ ބޯޓު ވަނީ އެއްފަހަރާ ދެ ބަލި މީހުން އުފުލޭ ގޮތަށް ފަރުވާކޮށްފައެވެ.
މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެ އިން ބޭރަށް ބަލި މީހުން ވީހާ ވެސް އަވަހަށް ފޮނުވަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސްރީ ލަންކާ އަށް އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމުގެ ހުއްދަ ދެ ގަޑިއިރުން ލިބޭނެ އިންތިޒާމް ވެސް ވަނީ މިދިޔަ މަހު ސަރުކާރުން ހަމަޖައްސައިފައެވެ.