މޯދީގެ ވެރިކަމުގައި އިންޑިއާ ޗައިނާއާ ވާދަކުރަނީ
އިންޑިއާގެ ހިއްސާގެ ބާޒާރުގެ ބެންޗްމާކް އިންޑެކްސްތައް އާ އުސްމިންތަކަކަށް ދިއުމާއި، އެފްޑީއައި އިންފްލޯ އިތުރުވެ، އިންފްރާސްޓްރަކްޗާއަށް ވަރުގަދަ އިންވެސްޓްމަންޓްތައް ކުރަމުންދާއިރު، ޗައިނާގެ މުދަލުގެ ދަތިކަމާއި، ކެޕިޓަލް އައުޓްފްލޯ ހަލުވިވެ، އިގްތިސާދީ ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، ގިނަ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ނިއު ދިއްލީއަކީ ބެއިޖިންއަށް "ހަގީގީ ގޮތެއް" ފޯރުކޮށްދޭ ގައުމެކެވެ.
އަދި ކުރިއަށް އޮތް ލޯކް ސަބާ އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް މާކެޓް ބަލާ ފަރާތްތަކުން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި އޭގެ ސަބަބުން އިގްތިސާދީ ސިޔާސަތުތަކަށް އިތުރު އަންދާޒާތަކެއް އަންނާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ބޮޑުވަޒީރު މޯދީގެ ވެރިކަމުގައި 2014 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ތަރައްގީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މާލީ ފަންނުވެރިންނަށް ފެންނަމުންދާއިރު، އޭނާ ވަނީ 2025 ވަނަ އަހަރުގެ ކުރިން ގައުމު 5 ޓްރިލިއަން ޑޮލަރުގެ އިގްތިސާދަކަށް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ވަށައިގެން އޮތް އުއްމީދަކީ އިގްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ޗައިނާއިން ފެނުނު މިޒާޖާ އިދިކޮޅެވެ.
ޗައިނާގެ ހިއްސާގެ ބާޒާރުތައް 2021 ވަނަ އަހަރުގެ ފަހުގެ ޕީކްތަކަށް ފަހު ދިގު މުއްދަތަކަށް ދަށަށް ގޮސްފައިވާއިރު، ޝަންހާއީ، ޝެންޒެން އަދި ހޮންގްކޮންގްގެ ބާޒާރުތަކުން ފަސް ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ މާކެޓް ވެލިއު ވަނީ ފޮހެލައިފަ އެވެ. މިދިޔަ އަހަރު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ދަށަށް ގޮސް، ޖެނުއަރީ މަހު އަނެއްކާވެސް ދަށަށް ގޮސްފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ އެ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް 12 ޕަސެންޓް ދަށް އަދަދެކެވެ.
އަނެއްކޮޅުން އިންޑިއާގެ ހިއްސާގެ ބާޒާރު ދަނީ ރެކޯޑް މިންވަރަކަށް މައްޗަށް އަރަމުންނެވެ. އިންޑިއާގެ އެކްސްޗޭންޖުތަކުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަގު މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހަތަރު ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފަ އެވެ. ސީއެންއެން އިން ބުނި ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް އިންޑިއާގެ މާކެޓް ވެލިއު ދެގުނަ އަށް ވުރެ އިތުރުވެ 10 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭތީ މުސްތަގުބަލު އިތުރަށް އުޖާލާވާނެ ކަމަށް ޖެފެރީޒް އިން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވެ އެވެ.