ޚަބަރު

އިންތިހާބު އޮންނަ ދުވަސް، ސަރުކާރު ބަންދުކުރަން އީސީން މިއަދު އެދެނީ

އަލީ ސަމާޙް ، ދެން އޮންލައިން
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން/ ފޮޓޯ: އީސީ

ވިިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރަން، އިންތިހާބު ބާއްވާ ދުވަސް އެޕްރީލް 21 ވާ އާދިއްތަ ދުވަހާއި 22 ވަނަ ދުވަހަކީ، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދެން ނިންމައިފިއެވެ.

Ads by Hajj Corporation

ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އާއްމު އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާއެކު ކުރިން މި މަހުގެ 17 ވަނަ ދުވަހު ބާއްވަން އޮތް އިންތިހާބު މިހާރު ވަނީ ފަސްކޮށްފައެވެ.

އީސީން މިހާރު ނިންމާފައިވާ ގޮތުން މަޖިލީސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ވާ އާދިއްތަ ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު އަށަކުން ހަވީރު ހަތަރަކަށެވެ. އާންމު ގޮތެއްގައި ރާއްޖޭގައި އިންތިހާބުތައް ބާއްވާނީ ހޮނިހިރު ދުވަހުއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ''ދެން'' އަށް ވިދާޅުވީ އިންތިހާބު އޮންނަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުން މިއަދު ރައީސް އޮފީހަށް ސިޓީ ފޮނުވާނެ ކަމަށެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައިވާ ގޮތުންނަމަ މިހާރު ކަނޑައަޅާފައިވާ ތާރީހަށް ވުރެން އިންތިހާބު ލަސްކޮށްފިނަމަ މިހާރުގެ މަޖިލިސް އުވޭއިރަށް އާ މަޖިލިސް އިންތިހާބު ނުކުރެވި ގާނޫނީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތެވެ.

އިންތިހާބު އޮންނަ ދުވަހަކީ އާދިއްތަ ދުވަހަކަށްވާތީވެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ކުރީގެ ރައީސް އަދި އެ ޕާޓީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތުކުރައްވާ ގޮތުގައި އާދިއްތަ ދުވަހު އިންތިހާބު ބާއްވަނީ އީސީއަށް، ރައީސް މުއިއްޒު ނުފޫޒު ފޯރުވައިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!