މި ސަރުކާރުން ހަވާލުވި ފަހުން 817 ބިދޭސީއަކު ޑީޕޯޓްކޮށްލައިފި
ހަ ތަނެއް ރެއިޑްކޮށް، ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ 68 ބިދޭސީއަކު ފާއިތުވެ ދިޔަ ދެ ހަފްތާ ތެރޭގައި ޑިޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ހޯމް މިނިސްޓްރީއާ އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތައް ގުޅިގެން ބާއްވަމުންދާ ސިިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވިދާޅުވީ، ފާއިތުވި ދެ ހަފްތާ ތެރޭގައި ނޭޝަނަލް ޓާސްކް އޮން ކޮމްބެޓް އިލީގަލް އޮޕަރޭޝަންގެ ދަށުން ބިދޭސީން އުޅެމުންދާ ހަ ތަނެއް ރެއިޑްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން ހާއްސަ ތިން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން 43 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޝަމްއާން ވިދާޅުވިއެވެ. އޭގެ ތެރޭގައި ތިން އަންހެނަކުވެސް ހިމެނެއެވެ. ފާއިތުވި ދެ ހަފްތާ ތެރޭގައި މުޅި ޖުމްލަ 73 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަަށަށް ގެންދިޔައެވެ.
''މި މުއްދަތު ތެރޭގައި 68 ބީދޭސީއަކު ވަނީ ޑީޕޯޓްކުރެވިފައި'' ޝަމްއާނު ވިދާޅުވިއެވެ. އަމިއްލަ އަށް ގައުމަށް ފުރަން ބޭނުންވެގެން 113 ބިދޭސީއަކު ފުރުވާލެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ވަގުތު އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި 122 ބިދޭސީއަކު އެބަތިބި ކަމަށެވެ. އެއީ ރާއްޖޭގައި އެންމެ ގިނަ އަދަަދަކަށް ބިދޭސީން ދިރިއުޅޭ ބަންގްލަދޭޝްއަށް ނިސްބަތްވާ 103 މީހުންނާއި، އިންޑިއާގެ ހަތަރު މީހުންނާއި، ސްރީލަންކާގެ ހަތަރުގެ މީހުންގެ އިތުރުން ނޭޕާލުގެ ތިން މީހެކެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވިދާޅުވީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެ އިދާރާއަށް ބެލުމުގެ ދަށަށް ގެންދާ ބިދޭސީންގެ އަތުގައި ޕާސްޕޯޓް ނޯއޮންނަ މައްސަލަ ކަމަށެވެ. އެފަދަ ހާލަތަތްކުގައި އެ މީހުން ފުރުވާލަނީ އެމްބަސީ މެދުވެރިކޮށް ޓްރެވެލް ޑޮކިއުމެންޓެއް ހޯދައިގެނެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން 527 މީހުން ރީ-އިންޓަގްރޭޓްކޮށް 290 މީހުން ޑިޕޯޓްކޮށްފައިވާ ކަމަށެެވެ. އަދި 817 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށުން ފުރުވާލާފައިވެއެވެ. އޭގެ ކުރިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް އޮތީ ހުއްޓާލާފައިވާ ކަމަށް ޝަމްއާން ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވައިދުގެ ތެރެއަށް ފައްތަން މިދިޔަ ސަރުކާރުން މަސައްކަތްތަކެއް ކުރިއެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފުރުވާވެސްލިއެވެ. ކުށުގެ ވެށީގައި އުޅޭ ބިދޭސީންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެއެވެ.