ޚަބަރު

ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 25 ބިދޭސީން އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 25 ބިދޭސީން އިމިގްރޭޝަންއިން މިއަދު އަތުލައިގެންފި އެވެ.

Ads by STELCO

އިމިގްރޭޝަންްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސްއިން މިއަދު ހެނދުނު މާލޭގެ ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކުރި ކަމަށެވެ.

އަދި އެތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ބުންޏެވެ.

ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ކުރިއަށް ގެންދާއިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް އަންނަނީ ހިންގަމުންނެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފަ އެވެ.

ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް ތިން އަހަރުގެ ތެރޭ ޖުމްލަ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދޮޅު ލައްކައަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި ޑޭޓާބޭސް އަޕްޑޭޓްކޮށްފައި ވެއެވެ.