ދުނިޔެ

ޕާކިސްތާނުގެ ބޯޓަކުން 58 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އިންޑިއާއިން ބުނެފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގާތްގަނޑަކަށް 58 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި ހިފައިގެން ޕާކިސްތާނުން އައި ބޯޓެއް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވައި، އެ ބޯޓުގެ ޕާކިސްތާނުގެ ހަ ފަޅުވެރިން ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.

Ads by Sosun Fihaara

އަވަށްޓެރި އިންޑިއާއިން މީގެ ކުރިން ވަނީ މަސްތުވާތަކެތީގެ މާފިއާތަކަށް ބޯޑަރު ހުރަސްކޮށް ނެޓްވޯކް ހިންގުމަށް ހިތްވަރުދޭ ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އިންޑިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓްގެ އައްސޭރިފަށުން ގާތްގަނޑަކަށް 350 ކިލޯމީޓަރު (217 މޭލު) ދުރުން އެ ބޯޓު ހުއްޓުވާފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

"ފަޅުވެރިންނާ އެކު ބޯޓު މިހާރު ވަނީ ހިފަހައްޓައި، އިތުރު ތަހުގީގަށް ޕޯރްބަންދަރު (ގުޖުރާތުގެ) އަށް ގެނައުމުގެ މަސައްކަތް ކުރަމުން."

ގުޖުރާތު އެންޓި ޓެރަރިޒަމް ސްކޮޑްގެ ސީނިއާ އޮފިސަރު އަމިތު ވިޝްވަކަރްމާ ވިދާޅުވީ އެ ހަ ފަޅުވެރިންނަކީ ވެސް ޕާކިސްތާނުގެ ރައްޔިތުން ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޕާކިސްތާނުން އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އެތެރެވި ބޯޓެއް ހުއްޓުވައި، އެ ބޯޓުން ޕާކިސްތާނުގެ ނުވަ މީހަކު ހައްޔަރުކޮށް، 37 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ނުތަނަވަސް އަވަށްޓެރިން ކަމަށާއި އޭގެ ތެރެއިން ދެ ހަނގުރާމައެއް ކޮށްފައިވަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރު ސަރަހައްދުގެ މައްޗަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!