ޚަބަރު

ވިލިމާލޭ މާރުކޭޓުން ހުސްވެފައިވާ ފަސް ގޮޅި ކުއްޔަށް ދެނީ

އައިޝަތު ނިއުޝާ ، ދެން އޮންލައިން
މާރުކޭޓް -- ދެން އިމޭޖްސް

ވިލިމާލޭ މާރުކާޓުން ހުސްވެފައިވާ ފަސް ގޮޅި ކުއްޔަށް ނެގުމަށް ހުޅުވާލައިފި އެވެ.

Ads by Sosun Fihaara

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭ ފެރީ ޓާމިނަލްގެ ހުޅަނގު ދެކުނުން އޮންނަ ލޯކަލް މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދިނުމަށް ހުޅުވާލާ ކަމަށާއި، ކޮންމެ ގޮޅިއެއްގެ މަހު ކުއްޔަކީ 1050 ރުފިޔާ ކަމަށެވެ.

މިގޮތަށް މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރެވޭނީ އެއް އަހަރުގެ މުއްދަތަަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.

ވިލިމާލެއިން މާރުކޭޓު ގޮޅި ގަންނަ މީހެއްގެ ޝަރުތުތައް:

  • އުމުރުން 18 އަހަރު ފުރިފައިވާ ވިލިމާލޭގައި ދިރިއުޅޭ ވިލިމާލޭގެ ރަށްވެއްސެއް ކަމުގައިވުން. ނުވަތަ އުމުރުން 18 އަހަރުފުރި ވިލިމާލޭގައި ދިރިއުޅުމަށް މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުން.
  • ސަރުކާރުގައި ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
  • މާލެ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއް ހިންގާ މީހަކަށް ނުވުން.

މާރުކޭޓު ގޮޅި ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާއިރު، އެއް ފޯމަށްވުރެ ގިނަ ފޯމު ހުށަަހަޅާނަމަ، އަދި އެއް ގޮޅިއަށް ވުރެ ގިނަ ގޮޅި ނެގުމަށް އެދޭނަމަ އެ ފޯމެއް ބާތިލްވާނެކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

އަދި ކައުންސިލުން ހޯދި ހިދުމަތަކަށް ފައިސާ ނުދައްކާ މީހުންގެ ފޯމުވެސް ބާތިލުވާނެ ކަމަށް ބުނެ އެވެ.

މި މާރުކޭޓު ގޮޅި ނެގުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިމަހުގެ 18ގެ ނިޔަލަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!