އީއައިއޭ ހިލާފަށް ހިންނަވަރު މަގު ހެދުމުން ދެ ލައްކަ ރުފިޔާއިން މިނިސްޓްރީ ޖޫރިމަނާކޮށްފި

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ނުހަދައި ޅ. ހިންނަވަރުގެ މަގުހެދުމުގެ މަޝްރުއޫ ކުރިއަށް ގެންދިއުމާ ގުޅިގެން އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.
އީޕީއޭއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހިންނަވަރު ފެންހިންދާ ނިޒާމު ގާއިމްކުރުމަށް އެ އެޖެންސީއިން ފާސްކޮށްފައިވާ އީއައިއޭގެ ކޮންސެޕްޓުގައި ނުހިމެނޭ މަގުތަކެއްގައި މަސައްކަތް ކުރުމާއި ގުޅިގެން އެ މައްސަލަ ބަލައި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ.
މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، އެ މިނިސްޓްރީއާ އީޕީއޭ އަދި ކޮންޓްރެކްޓަރު ކަމަށްވާ ރޯޑް ޑެވޮލަޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކުން ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ގަވައިދާ ހިލާފަށް ކުރިކަން އެނގިފައިވާކަމަށް އީޕީއޭއިން ބުނެ އެވެ.
މި މައްސަލާގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ޖޫރިމަނާކުރަން ނިންވީ 200،000 ރުފިޔާއިންނެވެ. އެ ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އީޕީއޭއިން އިން އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް އެންގި އެވެ.
މީގެ ކުރިން ވެސް ބައެއް މަޝްރުއޫތައް އީއައިއޭ ނުހަދައި، އަދި އީއައިއޭއާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާތީ ޖޫރިމަނާކޮށްފައި އެބަހުއްޓެވެ.