ޚަބަރު

ބިންވެރިޔާ ގޯތިތަކާ ހަވާލުވުމުގެ އިތުރު ފުރުސަތެއް ދެނީ

އައިޝަތު ނިއުޝާ ، ދެން އޮންލައިން
ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ގުރު ނެގުން ހެންވޭރު ދަނޑުގައި ކުރިއަށް ދަނީ

މިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ހަވާލު ނުވެ ހުރި ގޯތިތަކާ، ހަވާލުވުމުގެ އިތުރު ފުރުސަތެއް މާދަމާ ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

Ads by MWSC

ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާ ހަވާލުވުމުގެ އިތުރު ފުރުސަތެއް މާދަމާއިން ފެށިގެން މިމަހުގެ 27ގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.

މިހާތަނަށް ގޯއްޗާ ހަވާލުނުވާ މީހުން މި މުއްދަތުގެ ތެރޭގައި، ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އެކަމަށް އެޕޮއިންޓުމެންޓު ހެއްދުމަށް މިނިސްޓްރީން އެދެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިހާތަނަށް ހަވާލުވެފައި ވަނީ، 8394 ގޯއްޗާކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އެ ސްކީމުގެ ދަށުން ޖުމްލަ 9003 ގޯތި ދޫކުރި އެވެ.

މި ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ އެއްބަސްވުމާއި، ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިއުން ހަވާލުކުރެވިފައި ނުވާ މީހުންނަށް އިތުރު ފުރުސަތެއް ދީފައިވީނަމަވެސް އަދިވެސް ގިނަ ބަޔަކު ރަޖިސްޓްރީއާ ހަވާލުވާން ހާޒިރު ނުވާކަމަށް މިނިސްޓްރީން ބުނެ އެވެ.

ބިންވެރިޔާ ސްކީމުގެ ގޯތިތައް ދޫކޮށްފައި ވަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ. އެއީ ހުޅުމާލެއިން 1351 ގޯއްޗާއި، ގުޅީފަޅުން 2219 ގޯތި އަދި ގިރާވަރު ފަޅުން 5433 ގޯއްޗެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!