ވޯޓުލާ ދުވަސް ފަސް ކުރުމަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ނަގައި ސުޕްރީމް ކޯޓަށް
ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލާ ދުވަސް ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނައިގަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ތާވަލުކޮށްފައި އޮތް ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އޭޕްރީލް 18 އަށް އިންތިހާބު ވަނީ ފަސްކޮށްފައެވެ.
ނަމަވެސް އޭގެ ފަހުން ރާއްޖޭގައި ސިއްހީ ހާލަތު އިއުލާން ކުރުމާ ގުޅިގެން އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަ ލޯކަލް ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މީގެކުރިން ވިދާޅުވި ގޮތުގައި ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އިންތިހާބު ބޭއްވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށެވެ.
މުއްދަތެއް ނެތް ގޮތަށް އިންތިހާބުގައި ވޯޓުލުން ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވީ ނަމަވެސް ޝަރީފް ވިދާޅުވި ގޮތުގައި މީގެކުރިން އިންތިހާބާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ އެއްވެސް މަރުހަލާއެއް ބާތިލެއް ނުވާނެއެވެ. އަދި އެ މަރުހަލާތައް އަލުން އިންތިހާބާ ގުޅިގެން ކުރިއަށް ގެންދަން ވެސް ނިންމާފައެއް ނުވެ އެވެ. އޭރަށް އިތުރު ހަރަދުތަކެއް ނުހިނގާނެކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.