ދުނިޔެ

ޗައިނާގެ އަސްކަރީ ޚަރަދުތައް މަތިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދާދި ފަހުން ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (އެންޕީސީ) ބޭއްވުމާ ގުޅިގެން ދުނިޔޭގެ މުޖުތަމައުގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، އެ ކޮންގްރެސްގެ މެސެޖަކީ ލިބަރަލައިޒޭޝަނާއި ހުޅުވާލެވިފައިވާ މަގުން ދުރަށް ދިއުމުގެ އިޝާރާތެކެވެ. އިޤްތިޞާދީ ކުރިއެރުމުގެ ލަނޑުދަނޑިތަކުން ފެށިގެން ދިފާޢީ ޚަރަދާއި ޓައިވާނުގެ ސިޔާސަތާއި ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރޭގައި، އެކަހެރިކަމާއި އަސްކަރީ ކަންކަމަށް އެނބުރި އައުމުގެ އަޑުތައް މުޅި މަރުޙަލާގައި ގުގުމަމުން ދެއެވެ.

Ads by Sosun Fihaara

2024 ވަނަ އަހަރަށް އިޤްތިޞާދީ ކުރިއެރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި އާދަޔާ ޚިލާފަށް ފަސް އިންސައްތައަށް ދަށްކުރުމާއެކު، އިޤްތިޞާދީ ދުވެލި ހަލުވިކަމާއެކު ފުޅާކުރުމަށް ޗައިނާއިން ކުރާ މަސައްކަތް ތައް ދޫކޮށްލަނީ، މިހާރަށްވުރެ މިނެކިރޭ ވިސްނުމަކަށް ތާއީދުކުރާ މަންޒަރެވެ. ނަމަވެސް މި ބަދަލާއެކު ދިފާއީ ޚަރަދުތައް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ، 7.2 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. އިޤްތިޞާދީ ކުރިއެރުމަށްވުރެ އަސްކަރީ ޒަމާނީ ފެންވަރަށް އިސްކަންދީ، ސަރަޙައްދީ ހަމަޖެހުމާއި، ދުނިޔޭގެ ސަލާމަތަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން އުފެދެއެވެ.

ބަލިމަޑުކަމުގެ ދުވަސްވަރު ހީނަރުވެފައި އޮތް ޗައިނާގެ އިގްތިސާދު މިހާރު ވަނީ ރަނގަޅުވެފަ އެވެ. މިހާލަތުގެ އެންމެ ބޮޑު އެއް ސަބަބަކީ ދައުލަތުގެ ސަލާމަތާއި މަސައްކަތުގެ ސަލާމަތާ ގުޅޭ ހަރުކަށި ގާނޫނުތައް ތައާރަފްކޮށް، ބައިނަލްއަގުވާމީ ވިޔަފާރިވެރިންނަށް ދިރިއުޅުމާއި މަސައްކަތް ކުރަން ދަތި ތަނަކަށް ޗައިނާ ހެދުމެވެ.

ޒަމާނުއްސުރެ ޗައިނާގެ ހިތްގައިމު ކުރިއެރުމުގެ ވާހަކަ ދެކެވުނު ސަބަބަކީ ޗައިނާގެ އިގްތިސާދު ބައިނަލްއަގްވާމީ އިގްތިސާދީ ތަރުތީބަށް ގުޅާލުމެވެ. ނަމަވެސް މިހާރު ޗައިނާގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތައް ދަނީ ދަށްވަމުންނެވެ. އަދި އެކްސްޕޯޓާއި އިމްޕޯޓް ކުރިއަރާ މިންވަރު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. ޗައިނާ އެނބުރި ދަނީ އެކަހެރިވެފައިވާ ދުވަސްތަކަށެވެ. މިއީ ހަރުކަށި ފިކުރުގެ ކޮމިއުނިސްޓް މުޖުތަމަޢެއްގެ ސިފަތަކާ އެއްގޮތް ސިފަތަކެކެވެ.

ޓައިވާނާ ގުޅޭ ގޮތުން މިދިޔަ އަހަރު ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑަކީ "ޗައިނާގެ ސުލްހަވެރި އެއްބައިވަންތަކަމުގެ މަރުހަލާ ކުރިއަށް ގެންދިއުން" ކަމަށެވެ. މިއަހަރު މި ސްޓޭންޑަކީ މާ ހަރުކަށި ސްޓޭންޑެއް ކަމަށާއި ގޮވާލަނީ "ޗައިނާ އަލުން އެއްބައިވަންތަވުމުގެ މަގުސަދު ކުރިއަށް ގެންދިއުމުގައި ސާބިތުކަމާއެކު ތިބުމަށް" ކަމަށެވެ. އެހެންކަމުން ބެއިޖިންއިން ޤަބޫލުކުރާ ފަދައިން އެއްބައިވަންތަކަމުގެ މަރުހަލާއިން "ސުލްހަވެރި" މި މައިގަނޑު ލަފުޒު ގެއްލުނެވެ. އޭގެ ސަބަބު ވަރަށް ސާފުކޮށް އެނގެ އެވެ. ބެއިޖިންއިން ރާވާފައިވާ ގޮތަށް ސުލްހަވެރި އެއްބައިވަންތަކަމެއް ގެނައުމުގެ މަގަކީ ޓައިވާނުގެ އާބާދީ އަށް ބިރު ދައްކައި، އެ ޖަޒީރާ ސަރަހައްދު މެއިންލޭންޑާ އެއްކޮށްލުމަށް ތާއީދުކުރާ ސިޔާސީ ޕާޓީއަކަށް ވޯޓު ދިނުމެވެ. ބެއިޖިންގެ ހިތްގައިމު އުއްމީދު ވަނީ ފުނޑުފުނޑުވެފަ އެވެ. ޓައިވާނުގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ދިމާވީ އެއާ ހިލާފަށެވެ. ޓައިވާނުގެ ރައްޔިތުން ވަނީ އެ ޖަޒީރާ ސަރަހައްދުގެ މިނިވަން ދިރިއުޅުމުގެ ހާލަތު ދެމެހެއްޓުމަށް ސާބިތުވެ ހުންނެވި ރައީސަކު އިންތިހާބުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!