ބަންގްލަދޭޝް ބަހުން ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަނީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން އެންމެ ގިނަބައެއް ހިއްސާކުރާ ބަންގްލަދޭޝް މީހުންނަށް ދަރުސްދީ، ދީނީ ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރާނެ އިލްމުވެރިންގެ ޕޫލެއް އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނަށް މި ޕްރޮގްރާމު ހިންގުމަށް އިލްމުވެރިން ބޭނުންވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދަރުހަކަށް 1000 ރުފިޔާ އަދި، ބެންގާލީ ބަހުންދޭ ކޮންމެ ދަރުހަކަށް 5000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ނިންމާފައި ވެއެވެ.
މި ޕޫލުގައި ހިމެނޭ ކޮންމެ އިލްމުވެރިއަކީ ސުންނީ މުސްލިމަކަށް ވާން ޖެހެ އެވެ. އަދި ދިވެހި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުގެ ފުރަތަމަ ޑިގްރީ އޮންނަން ޖެހެ އެވެ. އަދި ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފް އެއްވެސް ކަމެއް ކޮށްފައިނުވާ މީހަަކަށް ވާން ޖެހެ އެވެ.
މިކަމަށް ޝައުގުވެރިވާ މީހުން، ވަނަވަރާއި، ތައުލީމީ އަދި ތަޖުރިބާ ލިއުންތައް ހުށަހަޅަން ޖެހެނީ މިމަހުގެ 24ގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.