އުފަންވާ ނިސްބަތް ދަށަށް ދިއުމުން ޗައިނާގެ ގިނަ ހޮސްޕިޓަލްތަކުން އަލަށް އުފަންވާ ކުދިން ވިހެއުމުގެ ހިދުމަތް ހުއްޓާލައިފި

ޗައިނާގެ ގިނަ ހޮސްޕިޓަލްތަކުން އަލަށް އުފަންވާ ކުދިން ވިހެއުމުގެ ހިދުމަތް މިއަހަރު ހުއްޓާލާފައިވާއިރު، އަލަށް އުފަންވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް ދަށަށް ދިއުމާ ގުޅިގެން ޑިމާންޑް ދަށްވުމުގެ ސަބަބުން "އޮބްސްޓެޓްރިކް ވިންޓާ" އެއް އަންނާނެ ކަމުގެ އިންޒާރު އިންޑަސްޓްރީގެ ތަޖުރިބާކާރުން ދީފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ އެހީތެރިކަން ލިބޭ ނޫސް "ޑެއިލީ އިކޮނޮމިކް ނިއުސް" އިން ބުނެފި އެވެ.
ރޮއިޓާސް އަށް ފެނުނު ނޯޓިސްތަކުން ދައްކާ ގޮތުގައި އިރުމަތީ ޒޭޖިއާންގް އާއި ދެކުނު ޖިއާންގްޝީ ހިމެނޭ ގޮތަށް އެކި ޕްރޮވިންސްތަކުގެ ހޮސްޕިޓަލްތަކުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ވަނީ އެ މީހުންގެ އޮބްސްޓެޓްރިކް ޑިޕާޓްމަންޓްތައް ބަންދުކުރާނެ ކަން އިއުލާންކޮށްފަ އެވެ.
ޖިއާންގްޒީގެ ގަންޒޫ ސިޓީގެ ފަސްވަނަ ޕީޕަލްސް ހޮސްޕިޓަލުން އެ ހޮސްޕިޓަލުގެ ރަސްމީ ވީޗެޓް އެކައުންޓުގައި ބުނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އޮބްސްޓެޓްރިކް ހިދުމަތްތައް މެދުކަނޑާލާނެ ކަމަށެވެ.
ޒޭޖިއާންގްގެ ޖިއަންގްޝާން ހޮސްޕިޓަލް އޮފް ޓްރެޑިޝަނަލް މެޑިސިންގެ ވީޗެޓް ޕޭޖުގައި ބުނެފައި ވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ އޮބްސްޓެޓްރިކްސް ވިޔަފާރި ހުއްޓާލާނެ ކަމަށެވެ.
ޗައިނާގެ ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކުން، ޒުވާން ދެމަފިރިންގެ ދަރިން ހޯދުމުގެ ޝައުގުވެރިކަން އިތުރުކުރާނެ ގޮތަކާ މެދު ވިސްނަމުންދާ ދަނޑިވަޅެއްގައެވެ.
ޗައިނާގެ އާބާދީ 2023 ވަނަ އަހަރު ޖެހިޖެހިގެން ދެ ވަނަ އަހަރަށް ދަށަށް ގޮސްފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ރެކޯޑް އަދަދަކަށް އުފަންވާ ނިސްބަތް ދަށްވުމާއި މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން އިގްތިސާދު ކުރިއެރުވުމަށް ދިގު މުއްދަތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމުގެ ބިރު އޮފިޝަލުންނަށް އޮތުމުންނެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރު މެޓާނިޓީ ހޮސްޕިޓަލްތަކުގެ އަދަދު 807 ގައި ހުރި އިރު، 2021 ވަނަ އަހަރު އެ އަދަދު ވަނީ 793 އަށް ވެއްޓިފަ އެވެ.
ޑެއިލީ އިކޮނޮމިކް ނިއުސް ފަދަ އެގައުމުގެ މީޑިއާތަކުން ބުނީ އަލަށް އުފަންވާ ކުދިންގެ އަދަދު ދަށްވުމުގެ މާނައަކީ ގިނަ ހޮސްޕިޓަލްތަކުން އޮބްސްޓެޓްރިކްސް ޑިޕާޓްމަންޓްތައް ހިންގަމުން ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އޮބްސްޓެޓްރިކް ވިންޓާ" މަޑުމަޑުން އަންނަހެން ހީވަނީ،" ހުކުރު ދުވަހު އެ ނޫހުގައި ބުނެފައިވެ އެވެ.