ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ވަކިކޮޅަކަށް ނޭރުމަށް ޗައިނާއިން އެމެރިކާއަށް އަންގައިފި
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން މެނީލާއާ އެކު ހަދާފައިވާ ސަލާމަތީ އެއްބަސްވުން ފިލިޕީންސްގެ ކޯސްޓްގާޑަށް ދިން ހަމަލާތަކާ ހަމައަށް ފުޅާކޮށްފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެން ޗައިނާއިން ބުނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި އެމެރިކާ އިން "ހަމަނުޖެހުން އުފައްދައި" ނުވަތަ އެއްފަރާތްވުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.
ބްލިންކެން ވަނީ ފިލިޕީންސާއެކު އެމެރިކާގެ ސަލާމަތީ ވައުދު "ދަގަނޑުކުލައިގެ" ކަމަށް ސިފަކުރައްވައި، ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އަޅާފައިވާ އަމަލުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ފުޅާ ދާއިރާއެއްގައި ރައްދު ދޭން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
ފިލިޕީންސްގައި ހުންނަ ޗައިނާ އެމްބަސީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގާ ހަރަކާތްތަކަކީ ސައްހަ އަދި ގާނޫނީ ހަރަކާތްތަކެއް ކަމަށާއި ބްލިންކެންގެ ވާހަކަތަކުން "ހަގީގަތްތަކަށް އިހުމާލުވެ، އެއްވެސް އަސާސެއް ނެތް ގޮތުގައި ޗައިނާއަށް ތުހުމަތު ކުރާ" ކަމަށެވެ.
އަދި ބްލިންކެން އަނެއްކާވެސް ޗައިނާއަށް އިންޒާރު ދީފައި ވަނީ އެމެރިކާ-ފިލިޕީންސް މިއުޗުއަލް ޑިފެންސް ޓްރީޓީގެ ޒިންމާތައް ކަމަށް ބުނެ، ޗައިނާއިން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ފިލިޕީންސާއި އެމެރިކާ އަކީ 1951 ވަނަ އަހަރު އެކުލަވާލި މިއުޗުއަލް ޑިފެންސް ޓްރީޓީގެ ދަށުން ހަމަލާއެއް ދީފިނަމަ އެކަކު އަނެކަކަށް އެއްބާރުލުން ދޭން ޖެހޭ މުއާހަދާއެކެވެ. ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ މިދިޔަ އަހަރު ވޮޝިންޓަނަށް ބާރު އެޅުއްވީ އެ ސަލާމަތީ ވައުދުގެ މިންވަރު ސާފުކުރުމަށެވެ.
އަންގާރަ ދުވަހު ބްލިންކެން ވިދާޅުވީ މި އެއްބަސްވުން ފުޅާކުރީ ފިލިޕީންސްގެ އަސްކަރިއްޔާއަށާއި އާންމު އުޅަނދުފަހަރާއި މަތިންދާ ބޯޓުތަކަށާއި އެގައުމުގެ ކޯސްޓްގާޑަށް ހަތިޔާރު އެޅި ހަމަލާތަކަށް ކަމަށެވެ.
ދެކުނު ޗައިނާ ކަނޑުގެ ސުލްހައާއި ހަމަޖެހުމަށް އެމެރިކާ އިން ނުރައްކާކުރާ ކަމަށާއި، އެއީ އެތަނުގައި މައްސަލަތައް ހުށަހަޅަން ބައިވެރިވާ ގައުމެއް ނޫން ކަމަށާއި، އެ ގައުމާއި ފިލިޕީންސްއާ ދެމެދު ކަނޑުގެ މައްސަލަތަކުގައި ނުފޫޒު ފޯރުވުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.
"ދެކުނު ޗައިނާ ކަނޑުގައި ކަނޑުދަތުރުފަތުރުކުރުމުގެ މިނިވަންކަން ހިމާޔަތްކުރަން ބޭނުންވާ ކަމަށް އެމެރިކާ އިން އަބަދުވެސް ބުނަމުން ދިޔަ ނަމަވެސް ހަގީގަތުގައި ބޭނުންވަނީ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކުގެ ދަތުރުފަތުރުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭން. އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކާއި މަތިންދާބޯޓުތައް ޗައިނާގެ ދޮރާއި ހަމައަށް އެތައް ހާސް މޭލެއްގެ ދަތުރެއްކޮށް އެމީހުންގެ ބާރު ދައްކައި، ނުތަނަވަސްކަން އުފައްދައި ގެންދިއުމަކީ ބޭރުފުށުން ހިންގާ ހަރަކާތެއް،" ޗައިނާ އެމްބަސީން ބުންޏެވެ.