އަމިއްލަ ފަރާތްތަކުން ތިން މިސްކިތެއް އަޅަނީ
ރ. އަލިފުއްޓާއި، އައްޑޫ ސިޓީ ހުޅުދޫ އަދި ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި އަމިއްލަ ފަރާތަކުން މިސްކިތް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ އަބްދުއްރަޙުމާން މޫސާއާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން އަލިފުށީގައި ބިނާކުރެވެނީ 570 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ހަރަދުގައެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 (ހަތްސަތޭކަ ތިރީސް ދެ ) ދުވަހެވެ.
އަދި އައްޑޫ ސިޓީ، ހުޅޫދޫގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ މުހައްމަދު ސާލިހްއާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ، ހުޅޫދޫ މޫންލައިޓް އެވެ ކިޔާ ގޯތީގެ ހުރި ބިމުގައި ބިނާކުރެވެނީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ މުހައްމަދު ސާލިހްގެ އަމިއްލަ ހަރަދުގައެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 (ހަތްސަތޭކަ ވިހި) ދުވަހެވެ.
މީގެއިތުރުން، ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ މުހައްމަދު ޔޫސުފް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި، މުހައްމަދު ޔޫސުފްގެ އަމިއްލަ ހަރަދުގައި މިސްކިތެއް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ މުހައްމަދު ޔޫސުފްގެ އަމިއްލަ ހަރަދުގައެވެ.