ދުނިޔެ

ހޮންގްކޮންގްގައި ސަލާމަތީ އާ ގާނޫނެއް ފާސްކުރުމާ ގުޅިގެން ޓައިވާނުގެ ދަތުރުވެރިން "ސަމާލުވުމަށް" އިލްތިމާސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަން (އެސްއޭއާރް) ގައި މީގެ ދެ ދުވަސް ކުރިން ބެއިޖިން ކޮންޓްރޯލް ކުރާ ލެޖިސްލޭޓިވް ކައުންސިލުން ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނެއް ފާސްކުރުމާ ގުޅިގެން ޓައިވާނުގެ ސަރުކާރުން ހޮންގްކޮންގަށް ޒިޔާރަތް ކުރާއިރު އެ ގައުމުގެ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް އިންޒާރު ދީފައިވާ ކަމަށް ސެންޓްރަލް ނިއުސް އެޖެންސީ ފޯކަސް ޓައިވާނުން ބުނެފި އެވެ.

Ads by Sosun Fihaara

އަސާސީ ގާނޫނުގެ 23 ވަނަ މާއްދާގެ ނަމުން ނަން ދީފައިވާ މި ގާނޫނުގައި ޣައްދާރުވުމާއި ގައުމިއްޔަތާއި ދައުލަތުގެ ސިއްރުތައް ހިމަނާފައިވާއިރު ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ ބަންދު ދޮރުތަކެއްގެ ތެރޭގަ އެވެ.

ނޭޝަނަލް ސެކިއުރިޓީ ބިއުރޯގެ ޑިރެކްޓާ ޖެނެރަލް ސައި މިންގް-ޔެން އިޝާރާތް ކުރެއްވީ ހޮންގްކޮންގްގެ ގައުމީ ސަލާމަތާއި ގާނޫނުގެ ވެރިކަން "މެއިންލޭންޑައިޒޭޝަން" ކުރުމަކީ ފާހަގަކޮށްލެވޭ ޓްރެންޑެއް ކަމަށެވެ.

ސޭފްގާޑިން ނޭޝަނަލް ސެކިއުރިޓީ އޯޑިނަންސް ފާސްވުމާ އެކު، ގައުމަށް ޣައްދާރުވުމާއި ބަޣާވާތް ކުރުން ފަދަ ކުށްތަކަށް އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށް ލުމާއި ޖާސޫސް ކުރުމުގެ ކުށުގައި 20 އަހަރުގެ އަދަބެއް ކަމަށް ސައި ވިދާޅުވި އެވެ. އަދި މިފަދަ އެސްއޯ ގާނޫނާ ހިލާފު އަމަލުތަކަކީ ވަރަށް "އޮޅުން ފިލުވައިދޭ" ކަންތައްތަކެއް ކަމަށް ވެސް އޭނާ އިންޒާރު ދެއްވި އެވެ. ސައި މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ޗައިނާއާ މެދު "އިހާނެތި" ކަމަށް ބެލެވޭ ވާހަކަތައް ލިޔުނު ޓައިވާނުގެ މީހުން އާ ގާނޫނުގެ ދަށުން އަދަބު ލިބިދާނެތޯ ގާނޫނު ހަދާ މަޖިލީހުގެ މިއަދުގެ އަޑުއެހުމުގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސައި ވިދާޅުވީ ޓައިވާނުގެ ރައްޔިތުން ހޮންކޮންގަށް އެތެރެވާން ބޭނުންވާނަމަ ޗައިނާގެ ސިޔާސީ ކަންކަމަށް ނުވަތަ އިގްތިސާދަށް ފާޑުކިޔާ އެއްވެސް ވާހަކައެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވޭތޯ ނުވަތަ އެމީހުންގެ ފޯނުގައި ނެގެޓިވް އެއްޗެއް ދައްކާފައިވޭތޯ ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

ޓައިވާންގެ ރިޔާސީ އޮފީހުން ބުނީ ފޯކަސް ޓައިވާނުން ރިޕޯޓްކޮށްފައިވާ ފަދައިން ހޮންގްކޮންގްގެ ރައްޔިތުންނާއި އެތަނުގައި ތިބި ބިދޭސީންގެ ސަލާމަތާއި މިނިވަންކަމަށް މި ގާނޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމަށެވެ.

މީގެ އިތުރުން ޓައިވާނުގެ ސަރުކާރުން ހޮންގްކޮންގްގައި މަސައްކަތް ކުރާ އަދި ދަތުރުކުރާ ޓައިވާނުގެ ރައްޔިތުންނަށް ކުރިމަތިވާ ނުރައްކާތައް ވެސް ވަރަށް ގާތުން ބަލަހައްޓައި، އެގޮތަށް ރައްދު ދޭނެ ކަމަށް ރިޔާސީ އޮފީހުގެ ތަރުޖަމާނު އޮލިވިއާ ލިން ވިދާޅުވި އެވެ.

ޓައިވާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އެމެރިކާ، އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަން، އދ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން އާ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔުމާއި ކުށްވެރިކުރަމުން އަންނައިރު، މަރުހަބާ ކިޔާފައި ވަނީ ހަމައެކަނި ޗައިނާއިން ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!