ހޮންގްކޮންގްގެ އޮފިޝަލުންނާ ދެކޮޅަށް އެމެރިކާއިން ވިސާގެ އާ ފިޔަވަޅުތަކެއް އަޅަނީ
ޗައިނާއިން ވެރިކަން ކުރާ އެ ސަރަހައްދުގައި ހައްގާއި މިނިވަންކަމަށް ހުރަސް އެޅުމާ ގުޅިގެން ހޮންގްކޮންގްގެ ގިނަ އޮފިޝަލުންނަށް ވިސާ ގެނައުމަށް އާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާއިން ހޮންގްކޮންގްގެ ވައުދުވެފައިވާ މަތީ ދަރަޖައިގެ މިނިވަންކަމާއި ޑިމޮކްރެޓިކް މުއައްސަސާތަކާއި ހައްގުތަކާއި މިނިވަންކަމާ ދެކޮޅަށް ފިޔަވަޅު ތައް އަޅަމުން ދިޔަ ކަމަށާއި އޭގެ ތެރޭގައި ދާދި ފަހުން ގައުމީ ސަލާމަތާ ބެހޭ އާ ގާނޫނެއް 23 ވަނަ މާއްދާގެ ނަމުގައި ވުޖޫދަށް ގެނައުމާ އެކު ވެސް ޗައިނާއިން ފިޔަވަޅު ތައް އަޅަމުން ދިޔަ ކަމަށެވެ.
"އޭގެ ރައްދުގައި ޑިޕާޓްމަންޓް އޮފް ސްޓޭޓް އިން އިއުލާނު ކުރަނީ ހައްގުތަކާއި މިނިވަންކަމަށް އަރައިގަތުން ހަރުކަށި ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ހޮންގްކޮންގްގެ ގިނަ އޮފިޝަލުންނަށް ވިސާ ގެނައުމަށް އާ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަން،" ބްލިންކެން ވިދާޅުވި އެވެ.
އެ ބަޔާނުގައި އަމާޒުކުރާނެ އޮފިޝަލުންގެ ވާހަކަ އެއް ނުބުނެ އެވެ.
ގައުމީ ސަލާމަތުގެ މައްސަލަތަކުގައި ހިމެނޭ ހޮންގްކޮންގްގެ 49 އޮފިޝަލުންނާއި ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ އެމެރިކާއިން ހުށަހެޅި ބިލު ކުށްވެރިކޮށް ހޮންކޮންގް އިން މިދިޔަ ނޮވެމްބަރު މަހު ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަކީ ބޮޑު ދަރަޖައިގެ އަދި އެ ސިޓީއަށް ބިރު ދެއްކުމަށް މަސައްކަތް ކުރާ ބައެއް ކަމަށް ބުނެފަ އެވެ.
ހޮންގްކޮންގްގެ ދަތިކުރުމުގެ ގާނޫނުގެ ދަށުން ސެކްރެޓަރީ ފޯ ޖަސްޓިސް ޕޯލް ލޭމް، ޕޮލިސް ޗީފް ރޭމަންޑް ސިއު އަދި ފަނޑިޔާރުން ކަމަށްވާ އެންޑްރޫ ޗޫންގް، އެންޑްރޫ ޗަން، ޖޯނީ ޗަން، އެލެކްސް ލީ، އެސްޓާ ތޯ އަދި އަމަންޑާ ވުޑްކޮކް ހިމެނިވަޑައިގަންނަވަ އެވެ.
އެމެރިކާއިން މީގެ ކުރިންވެސް ވަނީ ހޮންގްކޮންގްގެ އޮފިޝަލުންނަށް ވިސާ ގެނައުމާއި އެހެނިހެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އެމެރިކާގެ ގާނޫނުގެ ދަށުން އެ ސަރަހައްދަށް ޒަމާނުއްސުރެ ލިބެމުން އައި ހާއްސަ އިގްތިސާދީ ފަރުވާ ނިމުމަކަށް ގެނައުމަށް އިއުލާނުކޮށްފަ އެވެ.
އަދި އެފަރާތްތަކާއެކު ވިޔަފާރި ކުރާ ބޭރުގެ މާލީ އިދާރާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
އެމެރިކާގެ ހޮންގްކޮންގް ޕޮލިސީ އެކްޓްގެ ދަށުން ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ވެސް ހޮންގްކޮންގްގެ ހާލަތާ ގުޅޭ ގޮތުން ކޮންގްރެސްއަށް ރިޕޯޓް ކުރަން ޖެހެ އެވެ.