ކޮވިޑް19: އެކަހެރިކޮށްފި ހާލަތެއްގައި ނަފްސާއި ގޮތުން ތައްޔާރު ވަނީ ކިހިނެތް؟
ޗައިނާގެ ވުހާން ސިޓީއިން އުފަންވި ނުރައްކާތެރި ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި މަރުވާ މީހުންގެ އަދަދު ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިބަލި ފެންނަ ގިނަ ގައުމުތަކުން ދަނީ ، ގައުމު އެއްކޮށް ލޮކްޑައުންކޮށް އާއްމުން "ގޭބަންދު" ކުރަމުންނެވެ. މީގެ އިތުރުން ސުކޫލުތަކާއި ޔުނިވަރސިޓީތަކުގެ އިތުރުން ގިނަ މީހުން އެއްވާ ހަފްލާތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ގިނަ ގައުމުތަކުގައި އޮފީހުގެ މަސައްކަތް ތައް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމްތަކެއް ވެސް ވަނީ ހަމަޖައްސާފައެވެ.
ެކޮރޯނާ ވައިރަސްގެ ސަބަބުން މީހުންގެ ތެރެއަށް ނުނިކުމެވޭ ގޮތަށް އަމިއްލަ ގޭގައި ނުވަތަ ބައްޔަށް ޝައްކު ކުރެވިގެން ނުވަތަ ބަލި ޖެހިގެން ނަމަވެސް ކަރަންޓީނު ކޮށްފިނަމަ އެކަމުގެ ނަފްސާނީ އަސަރުތަކެއް ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ކަރަންޓީނު ނުވަތަ އެކަހެރިކަމުގައި ހުންނަ އިރު، ބިރާސްވުމާއި ހަމަ ނިދި ނުލިބުމާއި، އާއިލާ މީހުންނާއި އެކުވެރިންނާއި ވަކިން އުޅެން ޖެހުމުން ވާ ފޫހިވުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެހޭނެއެވެ. އެހެން ކަމުން، އެކަހަލަ ދަނޑިވަޅެއްގައި ނަފްސާނީ ގޮތުން މީހާ ތައްޔާރުވެ ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޝައްކެއްވެސް ނެތެވެ. ދުނިޔެ މިވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. މަދުމީހަކު ނޫނީ ކޮންމެ މީހަކު އަތުގައި ސްމާޓް ފޯނެއް އޮންނާނެއެވެ. އެހެން ކަމުން ބަލިޖެހިގެން ކަރަންޓީނު ކޮށްފައި ހުންނަ ދުވަސްތަކުގައި ނުވަތަ އެކަހެރިކަމުގެ މުއްދަތުގައި ފޯނު މެދުވެރިކޮށްގެން އާއިލާއާއި ގާތް އެކުވެރިންނާއި ގުޅުން ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހެން ކަންތައް ކުރުމުން އެކަނިވެރިކަމުގެ އިހްސާސް ކުރެވޭ ވަރު ކުޑަ ވާނެއެވެ.
ތިބާ ރަނގަޅު ސިއްހަތެއްގައި ހުންނަ އިރަށްވުރެ ބޮޑަށް ބަލި އިރު އަމިއްލަ ހަަށިގަނޑަށް ބަލަން ޖެހޭނެއެވެ. އެހެން ކަމުން އެކަނި އުޅެން ޖެހުމުން ރަނގަޅަށް ނުކައި ސިއްހަތަަށް ފަރުވާ ކުޑަކުރުމަކީ އެއްވެސް ވަރަކަށް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެކަހެރިކަމުގައި ނުވަތަ ކަރަންޓީނު ކޮށްފައި ހުންނަ މުއްދަތުގައި ރަނގަޅަށް ކައިގެން ހަށިގަނޑަށް ރަނގަޅަށް ބަލަން ވާނެއެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަކީވެސް ނަފްސާނީ މައްސަލަތަކުން މީހާ ސަލާމަތް ކޮށްދޭ ކަމެކެވެ.
އެކަނި އުޅޭއިރު ކަންކަމާއި ގިނަ ވަގުތު ވިސްނުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. އެހެންކަމުން އެކަހެރިކޮށްފައި ހުންނަ މުއްދަތުގައި ބޮޑަށް ކަންކަމާއި ވިސްނުމަށް ވަގުތު ހޭދަކުރާ މިންވަރު ކުޑަކުރާށެވެ. ކަންކަމާއި ވިސްނުމަށް ވަގުތު ހޭދަކުރުމުގެ ބަދަލުގައި ހުސްވަގުތު ގައި ތިބާ ކުރިން ކުރާ ކަންކަން ކުރުމުގައި ވަގުތު ހޭދަކުރެވިދާނެއެވެ. މިސާލަކަށް ފޮތް ކިޔުން ނުވަތަ ތަފާތު ލިޔުންތައް ލިޔުން ހިމެނެއެވެ.
ތިމާއަކީ ފަސޭހައިން "ޕެނިކަށް" ދާ މީހެއް ނަމަ އެކަހެރިވެގެން ނުވަތަ އެކަހެރިކޮށްފައި ހުންނަ މުއްދަތުގައި، މާބޮޑަށް މީސްމީޑިއާ ބަލާ އޭގައި ވާކަންކަން ނުބަލާށެވެ. ނުވަތަ ބަލީގެ ހާލަތާއި ގުޅޭ ހަބަރުތައް ކިޔުން މަދުކުރާށެވެ. ބަލީގެ ސަބަބުން ބޭރުގައި ހާލަތު އޮތްގޮތް އެނގުމުން އިތުރަށް ބިރުގަންނާނެއެވެ. އެދުވަސްތަކުގައި ވިހާވެސް ބޮޑަށް އަމިއްލައަށް ހިތްހަމަ ޖައްސައިގެން އުޅުމަށް މަސައްކަތް ކުރާށެވެ.
ބަޔާން ކުރެވިފައިވާ ކަންކަމުގެ އިތުރުން ނުވަތަ އެކަންކަމުގެ ކުރިން ވިސްނަންވި ކަމަކީ ޙާލަތު ބަދަލު ކުރައްވާ އިލާހެއް ވާކަމެވެ. އެއިލާހުގެ ދީލަތިވަންތަކަމާއި އެއިލާހުގެ ރަހުމަތް ތަނަވަސް ވެގެންވާ ކަމެވެ. ވީމާ، މާޔޫސް ނުވާށެވެ. ތިބާއަށް ކުރިމަތިވާ ބަލިމަޑުކަމަކީ ވެސް ތިބާގެ ފާފަތައް ފޮހެވިގެންދާ ސަބަބެއް ކަމަށް ﷲ ތަޢާލާ ވަނީ ބަސް ވަހީ ކުރައްވާފައެވެ. ކެތްތެރިކަމާއެކު ﷲ އަށް ދުޢާ ދެންނެވުމާއި އިސްތިޣްފާރު ކުރުމުގައި ވަގުތުތައް ހޭދަ ކުރާށެވެ. ތިބާ އެކަހެރިވާ ވަގުތަކީ ނުވަތަ ކަރަންޓީނުގެ ހާލަތަކީ ތިބާގެ ނަފުސް ހިސާބުކޮށް ﷲ އަށް ކުއްތަންވާން ލިބޭ ފުރުސަތަކަށް ހަދާށެވެ. ކަރަންޓީނުގެ ހާލަތަކީ "ކޮލިޓީ ޓައިމް" ނުވަތަ އަގުހުރި ވަގުތަކަށް ހަދާށެވެ. އެ އިލާހު ތިބާގެ ޙާލަތު ބައްލަވާ ވޮޑިގެންވެއެވެ. އަދި ހާލަތު ބަދަލު ކުރައްވަވާނެތެވެ. ﷲ ތަޢާލާގެ މިބަސްފުޅުގައި ވާ ފަދައިންނެވެ.
إِنَّ مَعَ الْعُسْرِ يُسْرًا ހަމަކަށަވަރުން ދަތިކަމާއިއެކު ފަސޭހަކަން ވެއެވެ.