މިފްކޯ ސީއީއޯގެ ސަސްޕެންޝަން އިތުރުކޮށްފި
ޕްރައިވައިޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކުރި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހްމަދު ޝަމާހުގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކޮށްފިއެވެ.
ބަލަމުންދާ މައްސަލައާ ގުޅިގެން ސަމާހު ސަސްޕެންޑް ކުރަން އޮތީ މި މަހުގެ ނިޔަލަށެވެ. އެކަމަކު އެ މުއްދަތަު ހަމަވެފައިވާތީ އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް އޭނާގެ ސަސްޕެންޝަން އިތުރު ކުރަން ވަނީ ނިންމާފައެވެ. ސަސްޕެންޝަނުގައި ހުއްޓަސް ޝަމާހުގެ މުސާރަ އާއި އިނާޔަތްތައް ލިބޭނެއެވެ. ޝަމާހުގެ މައްޗަށް 12 ކަމެއް ތުހުމަތު ކުރެވެއެވެ.
އޭގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގަ އާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުން ކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކޮށް ވަޒީފާގެ ބިރުދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރަ ދަށްކުރުމާއި ސަބަބެއް ނެތި ޑިޕާޓްމަންޓްތައް ބަދަލު ކުރުމުގެ އިތުރުން ކުންފުނީގެ ސައިޓްތައް ހުންނަ އެހެން ރަށްރަށަށް ބަދަލު ކުރުން އަދި މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން ކުންފުނީގައި އޮންނަ ޕޮލިސީތަކާއި މުސާރައިގެ އޮނިގަނޑާ ހިލާފަށް, ބަޖެޓް ހަމަޖެހިފައި ނުވާއިރުވެސް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކާއި ރައްޓެހިންނަށް ވަޒީފާ ދިނުން ހިމެނެއެވެ.
ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވައިދާ ހިލާފަށް އެއްވެސް ޝަރުތަކަށް ބެލުމެއް ނެތި އާންމުކޮށް އިއުލާން ކުރުމެއް ވެސް ނެތި މުވައްޒަފުން ނެގުމާއި އިޖުރާއަތު ތައް ފުރިހަމަ ނުކޮށް މުވައްޒަފުން ވެއްދުމާއި ޕީސީބީގެ ހުއްދަ ނުހޯދާ ކުންފުނީގައި މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ނެގުމުގެ އިތުރުން އުސޫލުތަކާ ހިލާފަށް ޑިޕާޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި، އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ހަމަޖެއްސުންވެސް ޕީސީބީން ޝަމާހު އަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.