35 އަހަރުން މަތީ މީހުންނަށް ދެން އާސަންދަ އިން މެޑިކަލް ޗެކްއަޕް ހެދޭނެ
މިއަދުން ފެށިގެން އުމުރުން 35 އަހަރުން މަތީ މީހުންނަށް އާސަންދަ ސްކީމުގެ ތެރެއިން މެޑިކަލް ޗެކްއަޕް ހެދެނޭ ގޮތް ހަމަޖައްސައިފިއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރަކު މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސެމަކީ މި ސަރުކާރުގެ ''ހަފްތާ14'' ގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހެދުމުގެ ހިދުމަތް ތައާރަފްކުރީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ހިދުމަތް ފެށީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.
އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 24 އޭޕްރިލް އިން ފެށިގެން އުމުރުން 35 އަހަރުން މަތީ އުމުރުގެ މީހުންނަށް އެ ޗެކްއަޕް ހެދުމަށް ބޭނުންވާ ޕެކޭޖު ތައަރަފް ކޮށްފައިވާ ކަމަށެވެ.
މިއަދުން ފެށިގެން އިތުރުކުރެވޭ އުމުރުފުރާ އަކީ 35 އަހަރުން މަތީގެ އުމުރުފުރާގެ އިތުރުން 40 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަކޮށްގެން ކެންސަރު ބަލި ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ. ކެންސަރު ސްކްރީނިންގެ ތެރެއިން ވަކި މުއްދަތަކަށް ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ އެހެން ޓެސްޓުތައް ސްކީމުގެ ތެރެއިން އަހަރަކު އެއް ފަހަރު ހެދޭނެ ކަމަށް އާސަންދައިން ބުންޏެވެ.
އަދި އޭގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލް ކުދިންނަށް ހަދަން ޖެހޭ ބައެއް ޓެސްޓުތައްވެސް ސަރުކާރުގެ ހޮސްޕިޓަލުތަކުން ހެދޭނެ އިންތިޒާމު އާސަންދައިން ވަނީ މިއަދު ހަމަޖައްސާފައެވެ.
އަދި 19 އަހަރުން މަތީގެ އުމުރުފުރާއަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ.