ޚަބަރު

ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވުމުން ފިލައިފި

އައިކާ ޔުނާން ، ދެން އޮންލައިން
މާލޭ މަގުމަތީގައި ކުނި ކަހާ މީހެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ސަން

މާލޭ މަގުމަތީގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓުވުމުން, މަޑުނުކޮށް ފިލައިފިއެވެ.

Ads by STELCO

ފުލުހުން މިއަދު ބުނީ އިއްޒުއްދީން މަގުގައި ކުނި ކަހަން ހުރި މީހެއްގެ ގައިގައި އެ މަގުން ދުއްވާފައި ދިޔަ ސައިކަލަުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 11:17 ހާއިރު ކަމަށެވެ.

އެކްސިޑެންޓު ހިނގި ވަގުތު ސައިކަލުގައި ދެ މީހަކު ތިބި ކަމަށާއި އެކްސިޑެންޓުވުމުން އެ ދެ މީހުން ފިލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ އެ ސައިކަލާއެކު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލުން ޖެހިފައިވަނީ އުމުރުން 48 އަހަރުގެ އަންހެނެއްގެ ގައިގައެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އާންމު ކޮށްފައިނުވެއެވެ.

އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެން ދިއުމަކީ މި ފަހުން އާންމުވެފައިވާ ކަމަށެވެ. ރޯދަ މަސް ތެރޭގައި އެކްސިޑެންޓުތައް ގިނަވެފައިވާއިރު, މީގެ ކުރިން ވެސް މަޑުނުކޮށް ފިލައިގެން ދިއުމާއި ދާން މަސައްކަތް ކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!