ޚަބަރު

އީސައަށް ޑެންގޫ ޖެހިގެން މެދުކަނޑާލި އެމްޑީޕީ ޕްރެސްތައް ދެ ދުވަހެއް ތެރޭ ފަށަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މެންބަރު އީސަ އެމްޑީޕީގެ ޕްރެސްއެއްގައި/ ފޮޓޯ: އަދަދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެ ޕާޓީން ވަމުންދާ ތައްޔާރީތައް ހާމަކުރުމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ޕްރެސްތައް މި ހަފްތާ ތެރޭގައި އަލުން ފަށާ ގޮތަށް ނިންމައިފިއެވެ.

Ads by Hajj Corporation

އެމްޑީޕީގެ ޕްރެސްތައް މެދުކަނޑާލީ އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް އެ ޕާޓީން ތަރުޖަމާނަކަށް ހަމަޖައްސާފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އަށް ޑެންގޫ ހުން ޖެހިވަޑައިގަތުމާއި ގުޅިގެންނެވެ.

މިއަދު ''ދެން'' އާ ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، ޑެންގު ހުން ޖެހިގެން އޭޑީކޭ ގައި ފަސް ދުވަސް ވަންދެން އެޑްމިޓް ކުރި ކަަމަށެވެ. އީސަ ގެއަށް ދޫކޮށްލީ ރޭގެ ވަގުތެއްގައެވެ. ކުރިއަށްވުރެ މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އީސަ ވިދާޅުވިއެވެ.

''މިހާރު ރިކަވާވަމުން ދަނީ، ދެ ދުވަހެއްގެ ތެރޭގައި ޕްރެސްތައް ފެށޭނެ'' އީސަ ވިދާޅުވިއެވެ.

އެމްޑީޕީން އެންމެ ފަހުން ޕްރެސް އެއް ބާއްވާފައިވަނީ މާޗް މަހުގެ 17  ވަނަ ދުވަހުއެވެ. މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު ވާދަކުރެއެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ނެރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!