ޚަބަރު

ކަރަންޓުގެ މައްސަލަ ދިމާވަނީ އެއްވެސް ޕްލޭނެއް ނެތީމަ: އެމްޑީޕީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
މެންބަރު އީސަ އެމްޑީޕީގެ ޕްރެސްއެއްގައި/ ފޮޓޯ: އަދަދު

މިހާރު ކަރަންޓުގެ މައްސަލަ ހައްލުނުވެގެން އުޅެނީ ފެނަކަ ބަނގުރޫޓުވެ, ދަރަނިވެރިވެފައި އޮވެގެން ނޫން ކަމަށާއި، އެ މައްސަލަ ހައްލުނުވެގެން އުޅެނީ ފެނަކަ މެނޭޖްމެންޓުގައި ރޭވުމެއް ނެތި ނާގާބިލްކަމުން ކަމަށް އެމްޑީޕީން ބުނެފިއެވެ.

Ads by Hajj Corporation

އެހެން ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ސްޕޯކްސް ޕާސަންއަކަށް ކަނޑައަޅާފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަތރު އަހުމަދު އީސައެވެ.

ރޭ އެމްޑީޕީން ބޭއްވި ޕްރެސް ބްރީފިންގައި އީސަ ވިދާޅުވީ، އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައި އިރު، ކަރަންޓުގެ އެތައް މައްސަލަތަކެއް ހުރިކަމަށެވެ. ބައެއް ރަށްރަށުގައި އިންޖީނު ގެތައް ހުރީ އާންމުންނަށް އުނދަގޫވާ ހިސާބުގައި ކަމަށާއި، އެފަދަ އިންޖީނުގެތަށް ޒަމާނީ ފެންވަރަށް މިދިޔަ ސަރުކާރުގައި ބަދަލުކުރެވުނު ކަމަށެވެ. އަދި ޖަނަރޭޓަރުގެ ފެންވަރު ދަށްވެފައިވާ ރަށްރަށުގެ އެ މައްސަލައަށް ވެސް ހައްލު ހޯދައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ އާބާދީ އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ޖަނަރޭޓަރުތައް ބަދަލުކުރަން ޖެހޭނެކަން ފާހަގަކުރައްވާ، އީސަ ވިދާޅުވީ، މިހާރު ކަރަންޓުގެ މައްސަލަތައް ހައްލުނުވެގެން އުޅެނީ ފެނަކަ މެނޭޖްމެންޓުގެ ނާގާބިލް ކަމުން ކަމަށެވެ. އެއީ ކަންކަން ދުރާލާ ރާވާ ހިންގަން ނޭންގުމުގެ ސަބަބުން ކަމަށެވެ.

"މިހާރު ރާއްޖޭގެ ގިނަ، ބައެއް ރަށްރަށުގައި ކަރަންޓު ކެނޑުމަށް އެ ދިމާވެގެން އުޅޭ މައްސަލައަކީ، ފެނަކަ ބަނގުރޫޓުވެގެން ދިމާވެގެން އުޅޭ މައްސަލައެއް ނޫން. އެއީ ފެނަކައިގަައި މިވަގުތު އޮތް މެނޭޖެމްންޓުގެ ނާގާބިލް ކަމުން. ކަންކަން ދުރާލާ ރާވާއި، ހިންގަން ނޭންގުމުގެ ސަބަބުން. ރަށްރަށުގެ ކަރަންޓުގެ ހާލަތަށް ދިމާވެދާނެ މައްސަލަތައް ދުރާލާ ދެނެގަތުމުގެ ގާބިލްކަން ނެތުމުގެ ސަބަބުން،"

އިތުރަށް އީސަ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ފެނަކަ ހިންގަން ތިބީ ދުރު ވިސްނޭ، ގާބިލް ބޭފުޅުން ކަމަށެވެ. އެކަން އެހެން އޮތުމުން މިދިޔަ ދައުރު ނިމިގެން ދިޔައިރު، ކަރަންޓުގެ މައްސަލަތައް ދިމާވެގެން، މިހާރު ކުޅުދުއްފުށި މީހުން އުޅޭ ހާލުގައި ރައްޔިތުން އުޅޭ މަންޒަރު ނުފެންނަ ކަމަށެވެ.

މަޖިލިސް އިންތިހާބާއި ދިމާކޮށް، ހަމައެއް އުސޫލެއް ނެތި މުވައްޒަފުން ނަގަމުންދާ ކަމަށާއި، ވޯޓު ހޯދަން މީހުން ރުއްސަން މުވައްޒަފުންނަށް ޕްރޮމޯޝަން ދެމުންދާ ކަމަށް އީސަ ތުހުމަތު ކުރެއްވިއެވެ. އަދި ފެނަކަ ބަނގުރޫޓުވެ، ދަރަނިވެރިވެފައިވާ ނަމަ، އެހެން ކަންތައް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިދިޔަ ހަފްތާގައި ބުނީ، ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަވަނީ ވަރަށް ބޮޑުވެފައިކަމަށެވެ. އެގޮތުން ކަރަންޓު އުފެއްދޭ މިންވަރަށް ވުރެއް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުން މެންދުރު 12 އިން 7 އާދެމެދު އެއްގަޑިއިރަށް ކަރަންޓު ކަނޑަމުންދާކަމަށެވެ. އަދި މި މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ދަށުން 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފެނަކައިން ކޮށްފައިވެއެވެ.

ފެނަކައިން ބުނީ، ކުޅުދުއްފުށީގެ އިންސްޓޯލިން ކެޕޭސިޓީއަކީ ހަތް މެގަ ވޮޓްކަމަށެވެ. އަލަށް ގެނެވުނު ޖަނަރޭޓަރާއެކު އެ އަދަދު 7.8 މެގަ ވޮޓަށް އިތުރު ވެގެން ދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ.

ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ވަރަށް އަވަހަށް ހައްލު ގެނެވޭނެ ކަމަށާއި، މި ސަރުކާރުން ވެރިކަމާއި ހަވާލުވި އިރުގައި ރައްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފެނަކައިގެ އެކި ބްރާންޗުތައް ހުރީ ވަރަށް ހާލުދެރަކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ.

ފެނަކަ ކުންފުނީގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުން އެ ކުންފުނީގެ ދަރަނި ހަތަރު ބިލިއަން ރުފިޔާއަށް އަރައެވެ. ރައީސް ވިދާޅުވީ ދަރަނީގެ އިތުރުން އެ ކުންފުނީގެ ބްރާންޗުތަކައި ހުރި ޖެނެރޭޓަރު ސެޓުތަކާއި އެކި އާލާތްތައް މެއިންޓެއިން ނުކުރުމުގެ ސަބަބުން ހުރީ ބޭނުންނުކުރެވޭ ހާލަތުގައި ކަމަށެެވެ. އެހެންކަމުން، އެތަކެތި މަރާމާތު ކުރުމުގެ އިތުރުން ދަރަނި އަނބުރާ ދެއްކުމާއި މަސައްކަތް ކުރިއަށްދާނެކަން ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!