ޚަބަރު

އަންނަ ހަފްތާގައި ޑިޓެންޝަން ސެންޓަރަށް ކުދިން ނަގަން ފަށަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން

ކުޑަކުދިންނަށް ހާއްސަކޮށް ހއ. ހޯރަފުށީގައި ގާއިމްކޮށްފައިވާ ޑިޓެންޝަރ އަންނަ ހަފްތާގެ ތެރޭގައި ހުޅުވައި، އެ ސެންޓަރަށް ކުށްކުރާ ކުޑަކުދިން ނަގަމުންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިހުސާން މިހެން ވިދާޅުވީ ކުޑަ ކުއްޖަކަށް ބުލީ ކުރި މައްސަލައާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން މިފަދަ މައްސަލަތަކުގައި ކުށްކުރާ ކުޑަކުދިންނާމެދު ވަގުތުން އެޅިދާނެ ފިޔަވަޅަކާއި ގުޅިގެން ނޫސްވެރިޔަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، ގާނޫނު މިވަގުތު ކުށް ކުރާ ކުދިންނަށް ދެވެން އޮންނަ އަދަބަކީ އެކުދިން ރިހެބިލިޓޭޓް ކުރުން ކަމަށެވެ. ތެރެއިން ކުރެވިދާނެ އެއް ކަމަކީ، އެކުދިންގެ އެސެސްމެންޓެއް ހެދި، ކުއްޖާއަށް ހާއްސަކޮށް ސައިކޯސޯޝިއަލް ޕްރޮގްރާމެއް ޑިޒައިންކޮށް، މުޖުތަމައު ތެރޭގައި ކުދިން ބައިތިއްބައިގެން ކފަރުވާ ދިނުން ކަމަށް ވިދާޅުވިއެވެ.

އަދި އެފަދަ މައްސަލަތައް ދިމާވާނަމަ އެޅެން އޮތް ދެވަނަ ފިޔަވަޅަކީ ސަރުކާރުގެ މަރުކަޒަކަށް ނަގައިގެން އެ ޕްރޮގްރާމް ހިންގުން ކަމަށްވެސް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އަންނަ ހަފްތާއިން ފެށިގެން ކުދިން މަރުކަޒު ކޮށްގެން ފަރުވާދެވޭނެ ސެންޓަރެއް ހިންގަން ފެށޭނެ ކަމަށެވެ. އަދި ރޭ އއ. ރަސްދޫގެ މިސްކިތެއްގެ ފާހާނާ ތެރޭގައި ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމަށް ބެލެވޭ ދެ ކުދިންނަށް މިއަދުން ފެށިގެން ވެސް ގާނޫނު ލާޒިމުކުރާ ފިޔަވަޅުތައް ނަގަމުންދާކަން ފާހަގަކުރެއްވިއެވެ.

"އަންނަ ހަފްތާއިން ފެށިގެން އަޅުގަނޑުމެންނަށް މިފަދަ އެއް ސެންޓަރު ރަނިން އަށް ގެނެވޭނެ. ކުދިން މިގޮތަށް މަރުކަރު ކޮށްގެން ފަރުވާދެވޭނެ. މިއަދުން ފެށިގެން ވެސް މިދެންނެވި ގޮތަށް އެ ކުއްޖާއާއި ދޭތެރޭ، އެ ދެ ކުދިންނާ ދޭތެރޭގައި ވެސް އަޅުގަނޑުމެންނަށް ގާނޫނު ލާޒިމްކުރާ ނެގެންހުރި އެކްޝަންތައް މި ނަގަންފަށަނީ.

އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ހިއްސާކުރައްވަމުން ބަންޑާރަ ނައިބު (އޭޖީ) އަހުމަދު އުޝާމް ވިދާޅުވީ، މިހާރު ގާނޫނު އޮތް ގޮތުން ކޯޓުގެ އަމުރުގެ ދަށުން ކުދިން ޑިޓެންޝަން ސެންޓަރަށް ނެގިދާނެ ކަމަށެވެ. ނަމަވެސް، އެކަން އެގޮތަށް ނުކުރެވި ހަތަރު އަހަރު ފަހަނައަޅައި ދިޔައީ ގާނޫނުގައި ބަޔާންކޮށްފައިވާ ޑިޓެންޝަން ސެންޓަރު ނެތުމުން ކަމަށެވެ. އަދި އަންނަ ހަފްތާގައި ޑިޓެންޝަން ސެންޓަރު ހުޅުވުމުން، އެކުދިންނަށް ފިޔަވަޅު އެޅިގެންދާނެކަން ފާހަގަކުރެއްވިއެވެ.

" ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ހޯރަފުށީގައި ޑިޓެންޝަން ސެންޓަރ ގާއިމްކުރެވުނީމަ ގާނޫނު ހަމަ މިހާރު އޮތްގޮތަށް އިޖުރާއަތްތައް ފުރިހަމަ ކޮށްގެން، ކޯޓު އަމުރު ހޯދައިގެން އަޅުގަނޑުމެންނަށް އެކުދިން ޑިޓެންޝަން ސެންޓަރަށް ގެންގޮސްގެން އެ ދޭނެޖެހޭ ފަރުވާތައް ގެންދެވޭ ގޮތަށް މިހާރު މިއޮތީ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، ގާނޫނު އިސްލާހުކުރުމުގެ ކުރިން އެޅެން އޮތް ފިޔަވަޅަކީ އެއީ ކަމަށެވެ.

ޕްރެސް ބްރީފިން ގައި މިނިސްޓަރ އިހުސާން ވަނީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އިހުސާން ވިދާޅުވީ ގާނޫނަށް މި އިސްލާހު ގެންނަން ނިންމާފައިވަނީ، ކުށުގެ ވެށީގެ މާހައުލުގައި 12 އަހަރާއި 13 އަހަރުގެ ގިނަ އަދަދެއްގެ ކުދިން އުޅެމުންދާ ކަމަށާއި، އެކުދިންނަށް ފިޔަވަޅު އަޅައި، އެފަދަ ކަންކަން ހުއްޓުވުމަށް ގާނޫނީ ދަތިތަކެއް ހުރުމުން ކަމަށެވެ.

އެގޮތުން، މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ޖިނާއި ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 އަހަރު ކަމުގައި ކަނޑައަޅާފައި އޮތް އޮތުން ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!